ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ކްލަބް ވެމްކޯ އާއި ޓީމް ފެނަކަ އިން ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުން ވެމްކޯ މޮޅުވީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ވާދަކޮށް 5-3 އިންނެވެ. ކުއާޓާގެ ދެވަނަ މެޗުގައި ފެނަކަ އިން ވަނީ ފަސޭހަކަމާ އެކު 0-4 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ.
ވެމްކޯ އާއި އާރުއާރުސީ މެޗަކީ މިފަހަރުގެ މުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ. ދެޓީމުގެ ސަޕޯޓަރުންނާ އެކު މުޅި ދަނޑު އޮތީ ފުރިފަ އެވެ. ދެޓީމުގައި ތިބީ ފުޓްސަލްގެ ތަރިންނެވެ. ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންގެ އިތުރުން ވެމްކޯ ޓީމަށް ކުޅޭ އީރާނަށް ނިސްބަތްވާ އަލީ ހޮދަދާދީ ރޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވެމްކޯ އާއި އާރުއާރުސީ މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ އާރުއާރުސީގެ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެގެ ގޯލަށް މިނެޓެއް ނުވަނީސް ވެމްކޯގެ އިސްމާއީލް ވަޖީހް (ވައްޖެ) ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ވެމްކޯ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އައިހަމް އަހުމަދުގެ އެހީތެރިކަމާ އެކު ވައްޖެ ޖެހި ގޯލުންނެވެ. އެކަމަކު ލީޑުގައި އެޓީމަށް މާގިނައިރު އޮވެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާއްޕެ ވަނީ އާރުއާރުސީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް ހަމަލާތައް ތަނަވަސްކުރި އެވެ. އެކަމަކު ގޯލު ޖެހުމުގައި މި ހާފުގައި ކުރި ހޯދީ ވެމްކޯ އިންނެވެ. މި ހާފުގައި ތަފާތު ދެއްކި އަލީ ހޮދަދާދީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ވެމްކޯގެ ފަހު ގޯލު ޖެހީ އަލީ ޝިޔާހް އެވެ. ތިން ގޯލު ފަހަތުގައި އޮތުމުން އާރުއާރުސީ އިން ވަނީ ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެކަމަކު އާރުއާރުސީގެ ގިނަ ހަމަލާތަކެއް ވެމްކޯގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗުގެ ފަހުކޮޅު އާރުއާރުސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދު (ގަބޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީރާންގެ ކުޅުންތެރިޔާ އަލީ ހޮދަދާދީ އެވެ.
އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބަލިވި ފެނަކަ އިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިފައިންގެ ކްލަބް ކޮޅަށް ފެނަކައިގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި މުހައްމަދު އައްޒާމްގެ އިތުރުން އަޔާޒް އަހުމަދު (އަޔާ) އެވެ. މެޗުގައި އޮންލީ ދެގޯލު ޖެހި އެވެ. މެޗުގެ ވަރަށް ފަހަކާ ޖެހެންދެން ފެނަކަ އަށް ލިބިފައި އޮތީ އެއް ގޯލުގެ ލީޑެކެވެ. އެޓީމުގެ ފަހު ތިން ގޯލު ޖެހި ސިފައިންގެ ކްލަބުން ކުރިއަށް ޖެހުނު ވަގުތު މެޗުގެ ފަހުކޮޅު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޔާ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ކުއާޓާ ފައިނަލުގެ ފަހު ދެމެޗެވެ. 8:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. 10:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އެޗްޑީސީ އާއި ސްޓެލްކޯ ކްލަބެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވެމްކޯ އާއި ފެނަކަ ވާދަކުރާއިރު ދެވަނަ ސެމީގައި ވާދަކުރާނީ މިރޭ މޮޅުވާ ދެޓީމެވެ.