ފިނިޕޭޖް

ޓޮމް އާއި ޒޮވީއަށް ކުއްޖެއް ލިބިއްޖެ

ޓޮމް ހިޑްލްސްޓަން އާއި ބައިވެރިޔާ ޒޮވީ އޭޝްޓަން އަށް ދަރިއަކު ލިބިއްޖެ އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ ޓޮމް އާއި ޒޮވީއަށް ދަރިއަކު ލިބުމުން އެމީހުން ތިބީ ވަރަށް އުފަލުން ކަމަށާއި ދަރިޔަކު ލިބުމުން ކުރަންޖެހޭނެ ތަޖުރިބާތަކާ ކުރިމަތިލުމަށް އެމީހުން އުފަލުން ތައްޔާރަށް ތިބި ކަމަށެވެ.

ޓިމް އާއި ޒޮވީ އަކީ ޒާތީ ކަންތައްތައް ހާމަކުރަން ނޭދޭ ދެ ތަރިންނަށް ވާތީ މި ދެ ތަރިންނަށް ދަރިއަކު ލިބުނުކަމާއި އެ ކުއްޖާގެ ޖިންސުވެސް ހާމަކޮށްފައެއް ނުވެ އެވެ.

މި ދެ ތަރިންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަކުރީ މިދިޔަ ޖޫން މަހު ޒޮވީ ކުޅުނު "މިސްޓަ މެލްކަމްސް ލިސްޓް"ގެ ޕްރީމިއާގައި ޒޮވީގެ ވައަތުގައި ބޮޑު ޑައިމަންޑް ރިންގއެއް އަޅާފައިވާކަން ފޮޓޯތަކުން އެނގިގެން ސުވާލުކުރުމުންނެވެ.

ޓޮމް އާއި ޒޮވީ 2019 ވަނަ އަހަރު ދިމާވެ، ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އަޑުއަރާފައިވަނީ "ބިޓްރޭޔަލް" ފިލްމްގެ ޝޫޓިން ތެރޭގަ އެވެ. \

މި ދެ ލޯބިވެރިންގެ ގުޅުން ރަސްމީކޮށް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި އެކަޑަމީ އެވޯޑްސް ތެރޭގަ އެވެ.

ޓޮމް އަކީ މާވެލް ސިނަމެޓިކް ޔުނިވާސްގައި ތޯގެ ކޮށްކޮ ލޯކީގެ ރޯލް އަދާކުރަމުން އަންނަ އެކްޓަރެކެވެ. ޓޮމް މި ކެރެކްޓާގައި ތޯގެ ފިލްމް ތަކުގައި އާއި އެވެންޖާސްގެ ފިލްމްތަކުގައި ފެނުމުގެ އިތުރުން "ލޯކީ" ސީރީޒްވެސް ކުޅެމުންދެ އެވެ. ޒޮވީ ވެސް "ދަ މާވެލްސް"ގައި އުޅޭ ވިލަންތަކުން އެއް ވިލަންގެ ރޯލް ކުޅުމަށް ހަމަޖެހިފައިވެ އެވެ.