ފިނިޕޭޖް

ޑިޒްނީގެ ބާރުގަދަ މެސެޖެއް

ޑިޒްނީ ސްޓޫޑިއޯ އިން ފުރަތަމަ ފަހަރަށް ޕްލަސް ސައިޒްގެ އަންހެން ލީޑް ކެރެކްޓާއެއް ކުރު ފިލްމަކުން ތައާރަފްކޮށްފި އެވެ.

"ރިފްލެކްޓް" އަކީ ހަ މިނެޓްގެ ކުރު ފިލްމެކެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ ޑިޒްނީގެ ޝޯޓް ސާކިޓް އެކްސްޕެރިމެންޓަލް ފިލްމްސްގެ ދެވަނަ ސީޒަންގެ ދަށުންނެވެ.

މި ފިލްމުގައި ބިއަންކާ ކިޔާ ޕްލަސް ސައިޒްގެ ބެލޭ ޑާންސަރެއްގެ ރިފްލެކްޝަނުން ބެލުންތެރިންނަށް ފެންނަނީ އޭނާ އަމިއްލަ ނަފްސާއި ހަށިގަނޑާ މެދު ދެކޭ ގޮތެވެ. ބިއަންކާ ބިރާއި ޝައްކުތަކުން އަރައިގަނެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކެރިގެން ބެލޭ ހަދަ އެވެ.

ދުނިޔޭގައި އަންހެނުންގެ ހަށިގަނޑު ދަމަހައްޓަންޖެހޭ "ހިކި" މިނަކީ ކުޑަ އިރުންސުރެ އަންހެން ކުދިންނަށް އިވެމުން އަންނަ އަޑެކެވެ.

ސައިޒުން ބޮޑުވިއްޔާ މަލާމާތުގެ ބަސްތައް ރައްދުވެ އެވެ. މިކަމުގެ ސަބަބުން ބައެއް ކުދިންނަށް ހިކި އަދި ލޫޅާފަތިވުން ނަފްސާނީ ކަމަކަށްވެ، އެނޮރެކްސިއާ ނަވޯސާ އަދި ބޮޑީ ޑިސްމޯފިޔާ ފަދަ ނަފްސާނީ ބަލި ޖެހެ އެވެ. މިފަދަ ދުނިޔެއެއްގައި ޕްލަސް ސައިޒްގެ ކުއްޖެއް، ބެލޭ ފަދަ ލޫޅާފަތި ކުދިންގެ ނެށުމެއް ނަށަން މަސައްކަތްކުރުމަކީ ވަރަށް ހިތްވަރުގަދަ ކަމެކެވެ.

މި ކުރު ފިލްމްގެ ބާރުގަދަ އަދި ޕޮޒިޓިވް މެސެޖުގެ ސަބަބުން ޓިކްޓޮކް ބޭނުންކުރާ ގިނަ ބަޔަކު ވަނީ ޑިޒްނީއަށް ތައުރީފްކޮށްފަ އެވެ.

"ފްރޯޒަން 2" އަދި "އެންކާންޓޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކުރި ޑިޒްނީގެ އެނިމޭޝަން އާޓިސްޓް އަދި މި ފިލްމުގެ ޑައިރެކްޓަރު ހިލަރީ ބްރެޑްފީލްޑް ބުނީ އޭނާގެ އުއްމީދަކީ ބެލުންތެރިން އެމީހުންގެ އަމިއްލަ ނަފްސާމެދު އަދި ސިފައާއި މެދު ރަނގަޅަށް ވިސްނުމެވެ.