ފިނިޕޭޖް

"މޭބީ އައި ޑޫ" އަންނަ އަހަރުގެ ޖެނުއަރީގައި ފެންނާނެ

ވާޓިކަލް އެންޓަޓެއިންމަންޓްގެ "މޭބީ އައި ޑޫ" އަކީ ގިނަ ތަރިންތަކެއް ހިމެނޭ ރޮމޭންޓިކް ކޮމެޑީއެކެވެ.

މިގޮތުން މި ފިލްމްގައި ރިޗަޑް ގިއާ، ޑަޔާން ކީޓަން، ސޫޒަން ސެރަންޑަން، ވިލިއަމް އެހް. މޭސީ، އެއްމާ ރޮބާޓްސް އަދި ލޫކް ބްރޭސީ ހިމެނެ އެވެ.

ރިޗަޑް ގިއާ ވަނީ ސޫޒަން ސެރެންޑަން އާއި ޑަޔާން ކީޓަން އާއެކު މީ ގެ ކުރިންވެސް ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.

މި ފިލްމްގައި މިޝޭލް (އެއްމާ) އާއި އެލަން (ލޫކް)ގެ ގުޅުން ކައިވެންޏާ ވިސްނާ ހިސާބަށް ދެއެވެ. އެހެންކަމުން މި ދެ ލޯބިވެރިންގެ މައިންބަފައިން އެކަކު އަނެކަކާ ބައްދަލުކުރުމަށް ދައުވަތުދެ އެވެ.

މައިންބަފައިން ބައްދަލުވާއިރު އެނގެނީ އެކަކު އަނަކަކު ވަރަށް ރަނގަޅަށް ދަންނަ ކަމެވެ. އަދި މިކަމުގެ ސަބަބުން ކައިވެނީގެ އަގު ވަޒަންކުރުމާމެދު ހިޔާލު ތަފާތުވުންތައް ކުރިމަތިވެ އެވެ.

މިއީ އޮސްކާ-ނޮމިނޭޓްވެފައިވާ ރައިޓާ އަދި ޕްރޮޑިއުސަރު މައިކަލް ޖޭކަބްސް ލިޔެ އަދި ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މައިކަލް ބުނީ އޭނާއަށް މޮޅެތި ތަރިންތަކެއް ލިބުނުކަމުގައި ވިޔަސް އުއްމީދަކީ އޯޑިއަންސަށް ކަމުދާ މޮޅު ފިލްމެއް އުފެއްދުން ކަމަށެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.