ކުޅިވަރު

މިހެން ކުޅެގެން ޗެމްޕިއަންސް ލީގަށް ނުދެވޭނެ: ކްލޮޕް

އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން އެއްފެންވަރެއްގައި ކުޅެ ނަތީޖާ ނެރެންޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު 2-1 އިން ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި މެޗަށް ފަހު ވާހަކަދައްކަމުންނެވެ.

ލީގުގައި ކުޅުނު 12 މެޗަށް ފަހު ލިބުނު 16 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ލިވަޕޫލްއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގު ހޯދުމުގެ އުއްމީދު ލިވަޕޫލަށް ގެއްލިފައިވާއިރު ގަދަ ހަތަރަކާ އެޓީމާ ދެމެދު އޮންނަ ފަރަގު ވެސް އަންނަނީ ބޮޑުވަމުންނެވެ. ހަތަރު ވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ ލިވަޕޫލަށް ވުރެ އަށް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

"މިވަގުތު ލިވަޕޫލް ކުޅޭ ގޮތުން އެއް ފެންވަރެއްގައި ނަތީޖާ ނުނެރެވޭ. މިހެން ވާނަމަ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެވޭނެ" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ކްލޮޕް އިޝާރާތްކުރީ މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވުމަށް ފަހު ޖެހިޖެހިގެން ދެ މެޗުން ބަލިވުމުންނެވެ. ސިޓީ މެޗަށް ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ބަލިވި އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ ލީޑްސް އަށް ލަނޑުޖަހައިދީފަ އެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން އެންޑީ ރޮބާޓްސަންގެ އެހީތެރިކަމާ އެކު މުހައްމަދު ސަލާހް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ލީޑްސް މޮޅުވި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކްރިސެންސިއޯ ސަމާވިލް އެވެ.

ލީގުގައި އިއްޔެ މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. އަނިޔާގެ ސަބަބުން އާލިން ބްރައުޓް ހާލަންޑް އިއްޔެ ނުކުޅެ އެވެ.

ލިވަޕޫލްގެ އިތުރުން ޗެލްސީ ވެސް ރޭ ވަނީ ބަލިވެފަ އެވެ. ރަށުން ބޭރުގައި ޗެލްސީ ބަލިވީ ބްރައިޓަންއާ ވާދަކޮށް 1-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަން އިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ބްރައިޓަންގެ ފުރަތަމަ ގޯލު ލިއަންޑްރޯ ޓްރޮސާޑް ޖެހިއިރު އަނެއް ދެގޯލު ވަނީ ޗެލްސީ ކުޅުންތެރިން އަތުން ބައިކޮޅަށެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ކައި ހަވާޓްޒް ނަތީޖާގެ ފަރަގު ކުޑަކުރިއިރު މެޗުގެ ފަހުކޮޅު ބްރައިޓަންގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޮސް އެވެ.

ޗެލްސީގެ މިހާރުގެ ކޯޗަކީ ކުރިން ބްރައިޓަންގައި ހުރި ގްރަހަމް ޕޮޓާ އެވެ. ރޭގެ މެޗަކީ އޭނާގެ ކޯޗުކަމުގައި ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ.