ގދ. ކާށިހުޅުދޫ އާއި ތ. ކުރެދިފުށީގެ މައްސަލައިގައި ދައުލަތުން ބަދަލު ހޯދަން ދައުވާކުރި ނަމަވެސް ދައުލަތުން ބަދަލު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
ކާށިހުޅުދޫ އިން 4.8 މިލިއަން ޑޮލަރު -- 74 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ދައުވާ ކުރީ ސަނީ ފާމް ކިޔާ ކުންފުންޏަކުންނެވެ.
ތ. ކުރެދިފަރުން 35.3 މިލިއަން ޑޮލަރު -- 544 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ދައުވާކުރީ މ. އަހުމަދީއާބާދު، މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ.
މި ދެ ރަށުން ބަދަލު ހޯދަން ދައުވާ ކުރީ އެއްވެސް ގުޅުމެެއް ނެތް ދެ ފަރާތުން ކަމަށްވާތީ ދެ ރަށުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ވެސް ވަކި ދެ މައްސަލައިގެ ގޮތުގަ އެވެ.
ކާށިހުޅުދޫން ބަދަލު ހޯދަން ދައުވާކުރީ ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ސަނީ ފާމަށް 2013 ގައި ދޫކުރި ރަށުގެ އެއްބަސްވުން ބާތިލްކޮށް 2020ގައި އެރަށް ސަރުކާރުން އަތުލުމާ ގުޅިގެންނެވެ. ސަރުކާރުން ރަށް އަތުލީ ކުރަން ހަވާލުކުރި މަސައްކަތް ނުކުރާ ކަމަށް ބުނުމަށްފަހު އެވެ.
ސަނީގެ ދައުވާގައިވާ ގޮތުން މަސައްކަތް ފެށިފައި ނުވަނީ ކާށިހުޅުދޫގައި ތިންވަނަ ފަރާތެއްގެ މަސްލަހަތެއް އުޅޭތީ އެވެ. ނަމަވެސް ކޯޓު ހުކުމުގައި ބުނެފައިވަނީ އެ ހާލަތުގައި އަމަލުކުރަންވީ އިޖުރައާތުތައް އެ ކުންފުނިން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި ނަގައިދޭން އެދިފައިވާ ބަދަލު ހިސާބުކޮށްފައިވާ ގޮތް ސާފު ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ.
ކުރެދިފުށިން ބަދަލު ހޯދަން ޒަކީ ދައުވާކުރީ ރިސޯޓެއް ހަދަން އެ ރަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަށްފަހު ރަށް ހަވާލުކޮށްފައި ނުވާތީ އެވެ.
ޒަކީ އަށް ކުރެދިފުށި ދިނުމަށް ސަރުކާރުން 2012 ވަނަ އަހަރު އެއްބަސްވީ ތ. އަތޮޅުގެ ދެ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދޭން ޝަރުތުކޮށްފަ އެވެ. ނަމަވެސް ރަށުގެ ބިމު ކުލީގެ 20 ޕަސެންޓް ފައިސާ ދެއްކުމަށް އަންގައި އެ ފައިސާ ނުދައްކަނީސް ރަށް ހަވާލުކުރަން އެއްބަސްވުމުގައި ސޮއި ކުރަން 2014 ވަނަ ސަރުކާރުން ފަހުން ދެކޮޅު ހެދީ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކުރެދިފުށީގެ މައްސަލައިގެ ދައުވާގައި ހަވާލާދޭ އެއްބަސްވުން ހަދާފައިވަނީ ފިނޭންސް މިނިސްޓްރީއާ އެކު ކަމަށެވެ. ނަމަވެސް ދައުވާކުރީ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކަމަށްވާތީ ދައުވާގައި ހަވާލާދޭ އެއްބަސްވުމަށް ބަދަލު ނަގައި ނުދެވޭނެ ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.