އެޗްޕީއޭ

ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރުން މަނާވާނެ: އެޗްޕީއޭ

ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާ ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމަކީ މަނާ ކަމެއް ކަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހަނދާންކޮށްދީފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ވިޔަފާރިތަކުން މީސްމީޑިއާގެ ޒަރިއްޔާއިން ފުޅާދާއިރާއެއްގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރަމުންދާ ކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

ބައެއް އިޝްތިހާރުތަކުގައި ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށް ބުނެ އޭގެން ލިބޭ ގެއްލުން ކުޑަ ކަމަށް ދައްކަން ދޮގު މައުލޫމާތު ހިމަނާކަންސް އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ޝީޝާއާއި ދުންފަތާ ހީޓެޑް ޓޮބޭކޯގެ އިތުރުން ވޭޕް އަދި އީ ސިނގެރޭޓަކީ ވެސް ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ތަކަތި ކަމަށެވެ. އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިފަދަ ވިޔަފާރިތައް ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ މީހުންނާއި އާންމު ރައްޔިތުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކުންވެސް ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް އެޗްޕީއޭ އިން ހަނދާންކޮށްދީފައިވެ އެެވެ.