ޖޭއެސްސީ

ގާޒީ ސަމީރަށް އަނެއްކާވެސް ފިޔަވަޅު އަޅައިފި

Oct 31, 2022

ގާޒީ މުހައްމަދު ސަމީރަށް އަނެއްކާވެސް ސްލޫކީ ފިޔަވަޅު އަޅައިފި އެވެ.

ގާޒީ ސަމީރު މިވަގުތު ޑްރަގު ކޯޓުގައި މަސައްކަތް ކުރެއްވި ނަމަވެސް އޭނާ ކުރިން މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ.

ޖޭއެސްސީން ގާޒީ ސަމީރަށް ދެވަނަ ފަހަރަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގައި ގާޒީ ސަމީރު ބައްލަވަމުން ގެންދެވި މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުން ގާޒީ ސަމީރާ މެދު ހިތްހަމަނުޖެހިގެން ޖޭއެސްސީއަށް ހުށަހެޅީ މައްސަލައެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް އެ މައްސަަލައާއި ގުޅޭގޮތުން ގާޒީ ސަމީރު ވާހަކަދެއްކެވުމުންނެވެ. އަދި ޖޭއެސްސީއަށް ޝަކުވާ ހުށަހެޅި ވަކީލުންނާމެދު ޒާތީ ތައަސްސުބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް ގާޒީ ސަމީރު އަމަލުކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ގާޒީ ސަމީރު އަމަލުކުރައްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށެވެ. އެހެންވެ ޖޭއެސްސީން ނިންމީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށެވެ.

ގާޒީ ސަމީރަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން މިއަހަރުގެ މާޗް 13 ވަނަ ދުވަހުވެސް ނިންމާފައިވެ އެވެ. އޭރު ގާޒީ ސަމީރަށް ފިޔަވަޅު އަޅަން ނިންމީ ކްރިމިނަލް ކޯޓުގައި ގާޒީ ސަމީރު ހުންނެވި ދުވަސްވަރު އެ ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ މުއްދަތު މަޖިލީހުގައި ގާޒީ ސަމީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދޭހަވާ ގޮތަށް ގާޒީ ސަމީރު ވާހަކަ ދައްކަވާފައި ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓަން ގާޒީ އޭރު ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ވިދާޅުވެފައި ކަމަށެވެ. އެގޮތަށް ގާޒީ ވާހަކަ ދެއްކެވިކަން ތަހުގީގަށް އޭރު ސާބިތުވި ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.