މޮރިޝަސް

މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ހޯދަން މަޖިލީހަށް

ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ހޯދައި އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޯރިގު ފޮނުއްވި ސިޓީގައި ބުނެފައިވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް މިއަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. މިމަހުގެ 20 ވަނަ ދުވަހު ބަންޑާރަ ނައިބު އެ ސިޓީގެ ވާހަކަ ވިދާޅުވި ކަން ތޯރިގު ފާހަގަކުރައްވާފައިވެ އެވެ.

ރައީސްުލްޖުމްހޫރިއްޔާ މި ސިޓީ ފޮނުއްވާފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާ އެ މައްސަލަ ކުރިއަށް ދަނިކޮށް ކަމަށްވެސް ތޯރިގް ސިޓީގައި ބުނެފައިވެ އެވެ.

ތޯރިގުގެ ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ މަޖިލީހަށް ހޯދަންޖެހެނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް އުނިވާތީ ކަމަށެވެ. ގާނޫނު އަސާސީގެ ތިންވަނަ މާއްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާތީ މައްސަލަ މަޖިލީހުން ބަލަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ދައުވާކުރާ މައްސަލައިގައި ޒަމާނުއްސުރެ ރާއްޖެއިން އަމަލުކުރަމުން އަދި ދަމަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށާއި ބަދަލުކުރި ސަބަބު ހޯދަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

އދ ގައި ކުރިއަށްދަނީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ފޯރުވުމުގެ މައްސަލަ އެކެވެ. މިއީ މޮރިޝަސް އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެކެވެ. ރާއްޖެއިން ތާއީދުކުރަން ނިންމާފައިވަނީ ޗާގޯސް، މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ގެންދިއުމަށެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީގައި ކުރިއަށް ދަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑާއި ޗާގޯސްގެ އިގްތިސޯދީ ކަނޑު ފުށުއަރާތީ އިން ވަކި ކުރުމުގެ މައްސަލަ އެވެ. އިން ވަކިިކުރުމުގެ މައްސަލައިގައި ރާއްޖެއިން އޮތީ މޮރިޝަސްއަށް ދޫދޭ ގޮތަކަށް ނޫނެވެ.