ފިނިޕޭޖް

25 އަހަރަށްފަހު "ގުޑް ބާގާ"ގެ ސީކުއެލްއެއް

ނިކަލޯޑިއަންއާއި ޕެރެމައުންޓް ޕިކްޗާސް އިން 1997 ގައި ރިލީޒްކުރި "ގުޑް ބާގާ"ގެ ސީކުއެލް 25 އަހަރު ފަހުން ނެރެނީ އެވެ.

މިގޮތުން "ގުޑް ބާގާ 2" ހެދުމަށް ތައްޔާރު ވަމުންދާ ކަމަށް އެ ފިލްމްގެ ދެ ތަރިން ކަމުގައިވާ ކެލް މިޗެލް އާއި ކީނަން ތޮމްސަން ބުނެފައިވެ އެވެ. މިއީ ފޭނުން ބެލުމަށް ވަރަށް އިންތިޒާރުކުރަމުންދާ ފިލްމެކެވެ.

1997 ގައި ރިލީޒްކުރި "ގުޑް ބާގާ" އަކީ ނިކަލޯޑިއަންގެ ކޮމެޑީ ސްކެޗް ޝޯއެއް ކަމުގައިވާ "އޯލް ދެޓް" އަށް ބިނާކޮށްފައިވާ ފިލްމެކެވެ. 8.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމު ވަނީ ބޮކްސްއޮފީހުގައި 23.7 މިލިއަން ޑޮލަރު ހޯދާފަ އެވެ.

"އަހަރުމެން ގުޑް ބާގާ 2އާ ވަރަށް ކައިރިވެއްޖެ، އެކަން ވާނެ އަދި ހީވަނީ ވަރަށް އަވަހަށް ވާނެހެން. ދެން ޝޫޓްކުރުމަށް އެންމެ ރަނގަޅު މުއްދަތު ނިންމުން އެބަ އޮތް. އެހެންނަމަވެސް މި ކަން ވާނެ،" 44 އަހަރުގެ ކީނަން ތޮމްސަން އެންޓަޓޭންމަންޓް ޓުނައިޓަށް ބުނެފައިވެ އެވެ.

ޕެރެމައުންޓާއި ނިކަލޯޑިއަންގެ މީހުންނާއެކު ވަރަށް މަޖާ ސްކްރިޕްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ކީނަން ބުންޏެވެ. އަދި އިންސްޓަގްރާމްގައިވެސް ޕޯސްޓްކޮށްފައިވެ އެވެ. މި ފިލްމްގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.