ފިނިޕޭޖް

ސެލީނާގެ ސިއްހީ އަދި ނަފްސާނީ މައްސަލަތަކަށް ޑޮކިއުމެންޓްރީއެއް ހަދަނީ

އެކްޓްރެސް އަދި ލަވަ ކިޔުންތެރިޔާ ސެލީނާ ގޯމޭޒްގެ ސިއްހީ އަދި ނަފްސާނީ މައްސަލަތަކަށް ބިނާކޮށް އެޕަލްޓީވީ+ އިން ޑޮކިއުމެންޓްރީ އެއް ނެރެން ނިންމައިފި އެވެ.

"ސެލީނާ ގޮމޭޒް: މައި މައިންޑް އެންޑް މީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެލެކް ކެޝީޝިއަން ޕްރޮޑިއުސް އަދި ޑައިރެކްޓް ކުރި މި ޑޮކިއުމެންޓަރީގައި ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ސެލީނާ -- ލޫޕަސް، ކިޑްނީ ޓްރާންސްޕްލާންޓް، ޑިޕްރެޝަން އަދި އެންޒައިޓީއާ ކުރި ހަނގުރާމަ ގެނެސްދޭނެ އެވެ.

ސެލީނާ ވަނީ މީގެ ކުރިން އޭނާގެ ސިއްހީ އަދި ނަފްސަނީ މައްސަލަތަކުގެ ވާހަކަ އެކި ފަހަރު މަތިން ދައްކާފަ އެވެ.

"އާންމުކޮށް ނެރޭ ޕޮޕް ޑޮކިއުމެންޓަރީ އެއް ނެރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެން އަދި ސެލީނާ ބޭނުންވީ ހަގީގީ ޑޮކިއުމެންޓަރީ އެއް ހުށަހަޅަން،" އެލެކް ކެޝީޝިއަން ބުންޏެވެ.

ޑިޒްނީގެ "ވިޒަޑްސް އޮފް ވޭވަލީ ޕްލޭސް" އިން ކުރިއެރި ސެލީނާ ވަނީ ފިލްމް "އެނަދާ ސިންދަރެއްލާ ސްޓޯރީ"، "ޕްރިންސަސް ޕްރޮޓެކްޝަން ޕްރޮގްރާމް"، "މޮންޓި ކާލޯ" އަދި "ހޮޓެލް ޓްރާންސިލްވޭނިއާ" ފްރެންޗައިޒް ފަދަ ފިލްމުތައް ކުޅެފަ އެވެ.