ޖޭއެސްސީ

ގޮއިދޫ އިސްމެޖިސްޓްރޭޓް ވަކިކުރަނީ

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ނިޝާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ އެހެން ފަނޑިޔާރަކާއި ހަވާލުކުރެވިފައިވާ މައްސަލައެއް އޭނާ އަމިއްލައަށް ބެލުމާ ހަވާލުވުމުގެ ސަބަބުން ނެވެ. ނިޝާރު އެ މައްސަލައާއި ހަވާލުވީ، ދައުވާލިބޭ ފަރާތާއި އޭނާއާއި ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނަހަމަ ގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެގޮތުން މިއީ ގާނޫނާއި ހިލާފު ކަމަކަށް ވާތީ، ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

މިމައްސަލަތަކުގެ ތަހުގީގު ރިޕޯޓް ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގަ އެވެ.

މެޖިސްޓްރޭޓްގެ މަގާމުން ނަޝީރު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް އޭނާ ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުން ނެވެ.