ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ނިޝާރު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނިޝާރު އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ޔަގީންކޮށްދީފަ އެވެ.
ނިޝާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ އެހެން ފަނޑިޔާރަކާއި ހަވާލުކުރެވިފައިވާ މައްސަލައެއް އޭނާ އަމިއްލައަށް ބެލުމާ ހަވާލުވުމުގެ ސަބަބުންނެވެ. ނިޝާރު އެ މައްސަލައާއި ހަވާލުވީ، ދައުވާލިބޭ ފަރާތާއި އޭނާއާއި ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނަހަމަ ގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ގަސްދުގައިކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ނިޝާރު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ކޮމިޓީގައި މައްސަލަ ދިރާސާ ކުރަމުން ދަނިކޮށެވެ.