ދުނިޔެ

ރަޝިއާއިން ގޮވާމާއި ތެޔޮ ލުބްނާނަށް ހަދިޔާކުރަނީީ

ރަޝިއާއިން 25،000 ޓަނު ގޮދަނާއި 10،000 ޓަނުގެ ތެޔޮ ލުބްނާނަށް ހަދިޔާކުރާ ގޮތަށް ނިންމައިިފި އެވެ.

ރަޝިއާއިން މި ގޮތަށް ނިންމިއިރު ޔުކްރޭން ގޮވާން ޑީލްގައި ހިއްސާވުން އެ ގައުމުން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ޔުކްރޭން ގޮވާން ޑީލުން ރަޝިއާ ބޭރުވީ މަދަނީ އުޅަނދު ފަހަރަށް ބެލުމެއް ނެތި ޔުކްރޭނުން ހަމަލާދޭތީ ކަމަށް ބުނެ އެވެ. ކަޅުކަނޑުގައި މައިން ސާފުކުރަން އުޅުނު ރަޝިއާ ބޯޓަކަށް ވެސް ޔުކްރޭނުން ވަނީ ހަމަލާދީ ގެއްލުންތަކެއް ދީފަ އެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭން ގޮވާން ޑީލްގައި ދެން އޮތް ދެރަކަމަކީ -- ހަގީގަތުގައި ގޮވާމަށް ބޭނުންވާ ގައުމުތަކަށް އެކަށީގެންވާ ވަރަށް ސަޕްލައި ނުކުރެވުވެ. އޭގެ ބަދަލުގައި ގޮވާން ބޯޓުތައް ބަނދަރުކުރާ ތަން ފެންނަނީ ޔޫރަޕްގައި ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ލުބްނާންގެ ޕަބްލިކް ވޯކްސް އެންޑް ޓްރާސްޕޯޓް މިނިސްޓަރު އަލީ ހާމިއާ ވިދާޅުވި ގޮތުގައި ރަޝިއާއިން ހަދިޔާކުރާ ތެލަކީ ލުބްނާންގެ އިންޖީނުގެތައް ހިންގަން ހަދިޔާކުރާ ތެލެވެ. އަދި ކާބޯތަކެތީގެ ތެރެއިން ގޮވާން ހަދިޔާކުރަނީ ފަގީރުންނަށް ފަސޭހައި ލިބޭނެ ގޮތް ހެދުމަށެވެ.

ލުބްނާނަށް އެހީވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ޚާއްސަ އަމުރެއް އޮތް ނަމަވެސް ޕްރޮޓޮކޯލްތަކުން ހަމަޖެހިގެން ގޮވާމައި ތެޔޮ ސަޕްލައިކުރަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބޭރޫތުގައި ހުންނަވާ ރަޝިއާގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ޔުކްރޭން ގޮވާން ޑީލާ މެދު ރަޝިއާގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްބަސްވި ގޮތަށް ގޮވާން ޝިޕްމަންޓްތައް ބެހެވިގެން ނުދިއުން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ރަޝިއާ ބުނާ ގޮތުން ފަގީރު ގައުމުތަކަށް ފޯރުކޮށްދެނީ ސިޕްމަންޓްތަކުގެ ތިން ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އޭގެ ބަދަލުގައި ޔޫރަޕަށް 35 ޕަސެންޓް އަދި ތުރުކީއަށް 34 ޕަސެންޓެވެ.

ރަޝިއާގެ އެގްރިކަލްޗަރު މިނިސްޓަރު ދިމިތުރީ ޕަތުރަޝޫފް ވިދާޅުވި ގޮތުގައި ފަގީރު ގައުމުތަކަށް އެއްވެސް އަގަކާ ނުލައި 500،000 ޓަނުގެ ގޮވާން ރަޝިއާ ސަޕްލައި ކުރާނެ އެވެ. އަދި އެހެން ގައުމުތަކަށް ވަރަށް ހެޔޮ އަގެއްގައި ގޮވާން ލިބޭނެ ގޮތް ހަދައިދޭނެ އެވެ.