ފިނިޕޭޖް

ޓޮމް ބްރޭޑީއާއި ޖިޒެލް ބުންޗެން ވަރިވެއްޖެ

އެމެރިކަން ފުޓްބޯލްގައި މަޝްހޫރު ޓޮމް ބްރޭޑީއާއި ސުޕާމޮޑެލް ޖިޒެލް ބުންޗަންގެ 13 އަހަރުގެ ކައިވެނި ނިންމާލައި ވަރިވެއްޖެ ކަމަށް އިއުލާންކޮށްފި އެވެ.

ޓޮމް އަދި ޖިޒެލް ވަރިވާ ކަމަށް އިއުލާންކުރީ ދެމީހުންގެ އިންސްތަގްރާމް އެކައުންޓްގަ އެވެ. އަދި މި ދެ މީހުން އެކުގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި ވަރިވެފައިވަނީ ދެމީހުން ހަމަޖެހިގެން ވާހަކަ ދައްކައިގެން ކަމަށާއި ހަމަ އެދުވަހު ކޯޓުން އެ ދެ މީހުން ވަރިކޮށްދީފައިވާ ކަމަށް ބުންޏެވެ.

މި ދެމަފިރިންގެ ކައިވެނީގައި މައްސަލަ އުޅޭ ކަމަށް އެކި ނޫސްތައް ރިޕޯޓްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ދެ މީހުން ވަކިން ދިރިއުޅެމުންދާ ކަމަށްވެސް ޖިޒެލްއާ ގާތް މަސްދަރަކު ވަނީ ހާމަކޮށްފަ އެވެ.

ސެޕްޓެމްބަރު މަހު އެލް މެގަޒިންގައި ޝާއިއުކުރި އިންޓަވިއުއެއްގައި ޖިޒެލް ބުނެފައިވަނީ ޓޮމް ރިޓަޔާކުރުމަށްފަހު އަލުން އެނބުރި ކުޅެން ފަށާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އެއީ ވަރަށް އަނިޔާވެރި ކުޅިވަރެއް. އަހަރެންނާއި ދަރިން އެދެނީ ޓޮމް ގާތުގައި ގިނައިން ހުރުމަށް." ޖިޒެލް މިކަމާމެދު ޓޮމްއާ އެތައް ފަހަރަކު ވާހަކަ ދައްކާފައިވާ ކަމަށާއި އެމީހަކު އަޅާ ފިޔަވަޅު ނިންމާނީ އެމީހެއްގެ އުފަލަށް ކަމަށް ބުންޏެވެ.

2006 ގައި ޖިޒެލް އާއި ޓޮމް ބައްދަލުވެ، ރަސްމީކޮށް ލޯބީގެ ގޮތުން ގުޅުނުކަމަށް ހާމަކޮށްފައިވަނީ 2007 ގައެވެ. ހަމަ އެދުވަސްވަރު ޓޮމްގެ ކުރީގެ ލޯބިވެރިޔާ އެކްޓްރެސް ބްރިޖެޓް މޮއިނަހެން ޓޮމްއާ ވަރިވިއިރު ދަރިއަކަށް ބަނޑުބޮޑު ކަމަށް ހާމަކުރިއެވެ.

ޖިޒެލް އާއި ޓޮމް ކައިވެނިކުރީ ފެބްރުވަރީ 26، 2009 ގައެވެ. މި ދެމަފިރިންނަށް ފުރަތަމަ ކުއްޖާ އެ އަހަރުގެ ޑިސެމްބަރު ގައި ލިބުނުއިރު، ދެވަނަ ކުއްޖާ ލިބިފައިވަނީ ޑިސެމްބަރު 2012 ގައެވެ.

ޖިޒެލް އާއި ޓޮމްގެ ކައިވެނި ރޫޅޭ ކަމުގެ އަޑު މީގެ ކުރިންވެސް ވަނީ އަރާފަ އެވެ. އަދި ޓޮމްގެ ފުޓްބޯލް ކެރިއަރަށް މާބޮޑަށް ވަގުތުދީ، ކުދިންނަށާއި ޖިޒެލް އަދި ގޭގެ ކަންތައްތަކަށް ވަގުތު ނުދެވޭތީ ޖިޒެލް ހިތްހަމަނުޖެހޭ ކަމަށް ޓޮމް ވަނީ ޓޯކް ޝޯއެއްގައި ބުނެފަ އެވެ.