މީރާ

ޓެކްސް ނުދައްކާ 393 ފަރާތެއްގެ ނަން އާންމުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކްސްގެ ފައިސާ ނުދައްކާ 393 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މީރާއިން ނަން އާންމުކޮށްފައި ވަނީ ޑިސެމްބަރު 31، 2019ގެ ނިޔަލަށް ބީޕީޓީގެ ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން އެ އިދާރާއަށް ހުށަނާޅާ ފަރާތްތަކާއި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކެވެ.

ނަންތައް ހާމަކުރީ ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަކުރާ އުސޫލުން މީރާއަށް ލިބޭ ބާރުގެ ދަށުންނެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސްކޮށް އަދި ބަޔާން ހުށަހަޅާ ފަރާތްތަކުގެ ނަން މި ލިސްޓުން ނެގޭނެ ކަމަށެވެ. އަދި ހާމަކޮށްފައިވާ މުއްދަތުގައި އެފަރާތްތަކުން ދައްކަން ޖެހޭ އަދަދު އެއްފަހަރާ ދައްކާ ހަލާސް ނުކުރެވޭނަމަ މީރާއިން ހަމަޖައްސާ އިންސްޓޯލްމަންޓް ޕްލޭންއެއްގެ ދަށުން އެ އަދަދު ބަހައިލައިގެން ދެއްކޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީރާއިން ކުރި އިއުލާނެއްގައިވާ ގޮތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގެ ގޮތުން އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އިތުރު ފިޔާވަޅުތަކެއް އަޅަން ފަށާފައިވާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޓެކްސްގެ ފައިސާ ނުދައްކާ އަދި ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ޓެކްސްގެ ފައިސާ ދައްކާ ހަލާސްކޮށް ބަޔާން ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ މަހު ވެސް މީރާއިން ވަނީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައި ނުވާ 396 ފަރާތެއްގެ ނަން އާންމުކޮށްފަ އެވެ.