ޖޭއެސްސީ

ޖިންސީ ގޯނާކުރި ދާންދޫ ގާޒީ އިސްތިއުފާ ދެއްވައިފި

Nov 2, 2022

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ މައްޗަށް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާ ކަމަށް ސާބިތުވާތީ އޭނާ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް ލުއައްޔު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ލުއައްޔު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އަދި ލުއައްޔު އިސްތިއުފާ ދެއްވީ ދުވަހު ކުއްޔަށް އޭނާ މަސައްކަތަށް ނުކުމެ އުޅުއްވާ ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

ޖޭއެސްސީއަށް ލުއައްޔުއާ ގުޅޭ އިތުރު 22 މައްސަލައެއް ހުށަހެޅި އެވެ. މީގެތެރެއިން 20 މައްސަލަ ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ލުއައްޔު ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް ދެ މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވާ ކަމަށް ނިންމާފަ އެވެ.

މިމައްސަލަތަކުގެ ތަހުގީގު ރިޕޯޓް ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގަ އެވެ.

ޖޭއެސްސީން އިއްޔެ ބުނީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާ މެދު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.

ލުއައްޔުއާ ގުޅޭގޮތުން ސާބިތުވި ދެވަނަ މައްސަލަ އަކީ ކޯޓުގެ ރަސްމީ ގަޑީގައި އާއި އެ ނޫންވެސް ވަގުތުތަކުގައި ލުއައްޔު ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވި މައްސަލަ އެވެ. ފަނޑިޔާރުންނަކީ މާލީ މަންފާއަށް ވިޔަފާރިކުރުން މަނާ ބައެކެވެ. ޖޭއެސްސީން ބުނީ މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން ލުއައްޔު މަސައްކަތް ކުރިކަންވެސް ކޮމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.

މެޖިސްޓްރޭޓްގެ މަގާމުން ލުއައްޔު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް އޭނާ ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުންނެވެ.