ފިނިޕޭޖް

"ފޭޓް: ދަ ވިންކްސް ސާގާ" ދެ ސީޒަނަށްފަހު ކެންސަލްކޮށްފި

ނޭޓްފްލިކްސްގެ "ފޭޓް: ދަ ވިންކްސް ސާގާ" ދެ ސީޒަނަށްފަހު ކެންސަލްކޮށްފި އެވެ.

މި ސީރީޒުގެ ކްރިއޭޓާ ބްރާޔަން ޔަން މިކަން ހާމަކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓަކުންނެވެ.

ހަ އެޕިސޯޑް އެކުލެވޭ "ފޭޓް: ދަ ވިންކްސް ސާގާ"ގެ އެއްވަނަ ސީޒަން ނެޓްފްލިކްސް އިން ރިލީޒްކޮށްފައިވަނީ ިމިދިޔަ އަހަރުގެ ޖެނުއަރީ ގައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ލޯންޗުކުރި ދެވަނަ ސީޒަންގައި ހަތް އެޕިސޯޑް އެކުލެވެ އެވެ.

މިއީ އިޖީނިއޯ ސްޓްރާފި ހެދި ކާޓޫން ސީރީޒެއް ކަމުގައިވާ "ވިންކްސް ކްލަބް"ގެ ލައިވް އެކްޝަން ސީރީޒެވެ.

"ފޭޓް: ދަ ވިންކްސް ސާގާ" ގައި އެކި ވައްތަރުގެ ފެއާރީ އެޅޭ އަލްފިއާ ކިޔާ ޖާދުވީ ބޯޑިން ސްކޫލެއް އެހެން ރެއަލްމް ހުރެ އެވެ. ފަޔާ ފެއާރީ ބްލޫމް އާއި އޭނާގެ ރަހްމެތްތެރިންނާއެކު ބްލޫމްގެ މާޒީ ހޯދުމަށް މަސައްކަތްކޮށް، އެންމެނާއި އަލްފިއާ "ބާންޑް ވަންސް" ކިޔާ އެއްޗެހިތަކަކުން ސަލާމަތްކުރުމަށް މަސައްކަތްކުރެ އެވެ.

މި ސީރީޒްގެ ކާސްޓްގެ ތެރޭގައި އެބިގޭލް ކޯވެން، ޕްރެޝަސް މުސްތަފާ، އެލިއަޓް ސޯލްޓް، ފްރެޑީ ތޯޕް، އެލީޝާ އެޕަލްބޯމް ފަދަ ތަރިން ހިމެނެ އެވެ.

"ފޭޓް: ދަ ވިންކްސް ސާގާ" އަކީ ބެލުންތެރިންގެ މެދުގައި މަގްބޫލު ސީރީޒެއް ކަމަށް އެމެރިކާގެ ނެޓްފްލިކްސްގެ ޓޮޕް 10 އިން ދެއްކިއެވެ. މިގޮތުން ނެޓްފްލިކްސްގެ "އެންމެ ގިނައިން ބަލާ އިނގިރޭސި ބަހުގެ 10 ސީރީޒް" ގެ ތެރެއިން މި ސީރީޒް ދެވަނާގައި އިން އިރު، "އެންމެ ގިނައިން ބަލާ 10 ސީރީޒް" ގެ ތެރެއިން މި ސީރީޒް އިނީ ތިން ވަނައިގައެވެ.