ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓްގެ އެސްޖީ ފާއިޒު ވަކިކޮށްފި

Nov 3, 2022

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ފާއިޒު ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާފައިވާތީ ކަމަށެވެ.

ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރީ މާލިއްޔަތު އުސޫލުތަކާ ހިލާފަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރުން ފާއިޒަށް ދީފައިވާ އިރުޝާދާ ހިލާފަށް އަމަލުކޮށް މުވައްޒަފުންނަށް ނުބައި ނަމޫނާ ވެސް ދައްކާފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރި އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފާއިޒަށް ކުރެވުނު ސީރިއަސް ދެ ތުހުމަތާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑް ކުރީ މިއަހަރުގެ މާޗް މަހު އެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ފާއިޒު ހަމަޖެއްސީ ޖެނުއަރީ 7، 2019ގައެވެ.