ވާހަކަ

އިޙްސާސްވޭ

( 1 ނޮވެމްބަރ 2022 އާ ގުޅޭ )

ސިޓިންރޫމުގައި އަމަތުގެ ދަރިފުޅާއެކު ކުޅެން އިން ލަމްޔާ ތެދުވިއެވެ. ދަރިފުޅު އުރާލައިގެން ލިޔުޝާ ނުކުތެވެ. އެ ދެމައިންގެ ފަހަތުން ލަމްޔާގެ ކުޑަ ދަބަސް ހިފައިގެން އަމަތު ނުކުތެވެ. ޓެކްސީއަށް އެ ދެމައިން އަރަންދެން ދޮރޯށި ދޮށުގައި އަމަތު ހުއްޓެވެ.

* * * * *

މައިރާ އެނދުގައި އޮތީ ލޯ މަރާލައިގެންނެވެ. އެނދުމަތީ އޭނާގެ ގާތުގައި ރަޒާ އިނެވެ. އާމާލް ކައިރީ ނިވާވެގެން ހުންނަން ނަވީން ބުނުމުން އޭނާ އައީ ނަމާދު ދޮޅި އަޅައިގެންނެވެ. އެނދުގެ ފައިލާކޮޅުގައި ނުތިބެން ނަވީން ބުނީތީ މަޒްހަރާއި އާމާލް ތިބީ ނަވީން ކައިރީ މަޑުކޮށްގެންނެވެ. ނަވީން ފޯނު ހުޅުވާލިއެވެ. ޤުރުއާނުގެ އާޔަތްތައް އޭނާ ކިޔަވަންފެށިއެވެ. ނަމަވެސް މައިރާގެ ފުށުން އާލާމާތެއް ނުފެނުނެވެ. ކުޑަކުޑަކޮށް މައިރާގެ މޭގައި ރިއްސާލިހެން ހީވެއެވެ. އެކަމަކު އެ ތަދުވި ތަދުވުމަކީ މައިރާއަށް ބޮޑަށް ހީވީ ހީވުމެއް ފަދައެވެ. ސަމާލުކަމަށް އަންނަވަރުގެ ކަމެއް ފާޅެއް ނުވިއެވެ. ރަޒާގެ ކޮއްކޮއާއި ދައްތަގެ މަރާ ބެހޭ ގޮތުން ނަވީން ސުވާލުކުރިއެވެ. އެމީހުންގެ ފުށުން ފާޅުވި އާލާމާތްތައް ކިޔާދިނުމަށް ނަވީން އެދުނެވެ. ރަޒާ ކިޔާދެމުން ދިޔައިރު ނަވީން އިނީ ފަރުވާތެރިކަމާއެކު އަޑު އަހާށެވެ. އެކަމުގެ އިޝާރާތެއްގެ ގޮތުން މަޑުމަޑުން އޭނާ ބޯޖަހައެވެ.

މާޔަލްއާއެކު އެނދުގައި މަލަކް އޮތެވެ. މަންމަ ރުޅި އައިސްފަ ހުރުމުން އެކަން އޮޅުންފިލުވަން މާޔަލްއާ އޭނާ ސުވާލުކުރިއެވެ. މަންމައަށް އައިސްގެން އެ އުޅޭ ބަދަލުގެ އަސްލަކީ މައިރާކަން މާޔަލްއަށް އެނގެއެވެ.

"ދޮންތިއަށް ކަމެއްވެގެން އެއުޅެނީ. ކުޑޫ ކައިރީ ވެސް މަންމަ ނުދެއްކި ވެގެން އުޅޭ ކަމެއް. ކުޑޫ ބޭރަށްދާން މަންމަ ކައިރީ އަހާލަން އެ ކޮޓަރިއަށް ދިޔައިރު ދޮންތި ވެސް އިން އެ ކޮޓަރީގަ. ހީވަނީ ރޮއެފަހެން. ބޭބީ ލޮސްޓްވީމަ އެކަމުން ދޮންތިއަށް ވަރަށް ބޮޑަށް އަސަރުކޮށްފަ އެވަނީ. އެކަމަކު އަހަރެން ފެނުނީމަ ވާހަކަދެއްކީ ވަރަށް ރީތިކޮށް. ދެން ނޭނގެ ކޮންކަމެއްކަން އެ ސިއްރު ކުރަނީ." މާޔަލް ވެސް ވިސްނަން އޮވެ ވާހަކަދެއްކިއެވެ.

"ވަރަށް ވިއާޑް މަންމަ އުޅޭގޮތް. ކޮޓަރިން ނުނިކުންނަންވީ ސަބަބެއް ވެސް ނުބުނޭ. އަހަރެންގެ ކޮޓަރިއަށް ދާން ބޭނުމީ." މަލަކް ބުންޏެވެ.

"ދެން މިރޭ މަންމަ ބުނީތީ މަޑުކުރޭ. ވިތައުޓް އަ ރީޒަން މަންމަ އެހެން ނުބުނާނެ. ސޯ، ޓްރަސްޓް ހާ." މާޔަލް ބުނެލިއެވެ. މަލަކްއަށް ވެސް އެވަރު ވިސްނެއެވެ. ސަބަބެއްނެތި މަންމަ އެފަދަ އަމުރެއް ނުކުރާނެއެވެ.

މާޔަލްއާއި މަލަކްއާ ދެބެން މަންމަގެ ބަސް އަހައިގެން ކޮޓަރިން އެރޭ ނުނިކުމެވެ. ދެބެން އެނދުގައި ތިބެ ނިދުނުއިރު ވެސް އާމާލް އެކުދީންނަށް ގޮވާކަށް ނާދެއެވެ. މައިރާގެ ހާލު ބޮޑުވީ ދަންވަރެވެ. ނަވީންއާއި ރިޔާޒު އެ ގޭގައި މަޑުކޮށްގެން ތިއްބެވެ. އެމީހުންގެ މަސައްކަތް ފެށުމުން މިފަހަރު މައިރާ މަޑަކުން ނޯތެވެ. ދުވަހަކު ރުޅިއައިސްފަ ހުއްޓާ ނުފެންނަ މައިރާ ކުއްލިއަކަށް ގަދަ ރުޅީގައި އެއްޗެހި ކިޔަންފެށިއެވެ. އެކިމީހުންނާ ދިމާއަށެވެ. ނަވީން ކައިރީ ކިޔެވުން ހުއްޓާލަން ބުންޏެވެ. އެކި މީހުންގެ ޒާތީ ކަންކަމާ ވެސް މައިރާ ބެހެންފެށިއެވެ. ފެންނަ މަންޒަރުން ހައިރާންވެ އަޖައިބުވާހާއެވެ. މައިރާއަށް ނޭނގޭ ކަންތައްތަކުގެ ވާހަކަ އޭނާ ދައްކާތީއެވެ. ރިޔާޒު ކިޔަވަމުންދިޔައިރު މައިރާއާ ނަވީނު ސުވާލުކުރިއެވެ. އެ ހުރިހާ ކުލަވަރެއް އެދައްކަނީ މައިރާނޫންކަން އޭނާއަށް ޔަގީންވާތީއެވެ. ނަވީންގެ ސުވާލުތަކަށް ޖަވާބުނުދޭން މައިރާ އަޑުއަޑު ލައްވާ ހެދިއެވެ. ހީނ ހެދިއެވެ. ވާހަކަދައްކާނަމަ ދައްކަނީ ނަވީނު ކުރާ ސުވާލުތަކާ ނުގުޅޭ ވާހަކަތަކެވެ. އާމާލްއަށް މަޒްހަރުގެ ވައަތު މުލައްދަނޑީގައި ހިފާލެވުނެވެ. ހަމައެކަނި ބިރަކުންނޫނެވެ. ދަރިފުޅަށް ޖެހިފައިވާ ހާލުން އޭނާގެ ހިތް ފަޅައިގެން ހިނގައިދާނޭ ހީވަނީއެވެ. އޭނާއަށް ފެންނަމުންދިޔައީ ހަޔާތުގައި ދުވަހަކުވެސް ލޮލުން ދުށް މަންޒަރުތަކެއް ނޫނެވެ. ހިތާހިތުން ޝީފާއަށް އެދި ﷲއަށް އޭނާ ދެންނެވިއެވެ.

އެންމެ ރެއަކުން ނުނިންމޭނެކަން ނަވީނަށް އެނގެއެވެ. ފަތިސް ނަމާދަށް އޭނާއާއި ރިޔާޒާއެކު މަޒްހަރު ވެސް މިސްކިތަށް ދިޔައެވެ. މިސްކިތުން ފައިބައިގެން މަޒްހަރާއި ނަވީން ވާހަކަދައްކަން ތިބީ މިސްކިތު ގޯތިތެރޭގައި ހުރި އަށްޓެއްގައެވެ. މައިރާއާ މެދު ކަންތައް ކުރަންވީ ގޮތާމެދު ނަވީން އިރުޝާދުތަކެއް ދިނެވެ. މައިރާ ގެއިން ބޭރަށް ނުނެރުމާއި ބައްދަލުކުރާން މީހަކު އަޔަސް އިހަށް ބައްދަލުވިޔަ ނުދިނުމަށް ނަވީން ބުންޏެވެ. މައިރާއަށް ސިހުރު ކާންދީފައި ހުރިއިރު ޝައިތާނާ ހުރީ އެ ހަށިގަނޑުގެ އެތެރެއަށް ވަދެއެވެ. ހަށިގަނޑުގެ އެތެރެއިން މީހާ ބަލިކޮށްލައި ހަލާކުކޮށްލަން ގަސްދުކޮށްފައެވެ. ނަމަވެސް ޝައިތާނާ ބޭނުންހޭ ގޮތެއް ނުހެދިގެން އުޅެނީ މައިރާގެ ރަނގަޅު ސިފަތަކުގެ ސަބަބުންނެވެ. އޭނާ ދީނުގެ ކަންކަމުގައި ހިފަހައްޓަން ކުރާ މަސައްކަތްތަކުންނެވެ. ނަމާދު ނުކުރެވުނަސް ދެން ވެސް ކުރެވެން ހުރި ހެޔޮ ކަންކަން މައިރާ ކުރާތީ ޝައިތާނާ ތެޅިފޮޅޭނޭކަން ނަވީން ބުންޏެވެ. އަދި އޭނާ މަޒްހަރުގެ ގާތުން އެދުނީ ބޭރު ގެއަކުން އެއްޗެއް ފޮނުވިޔަސް އެ އެއްޗެއް މިވަގުތައް ޢާއިލާގެ އެކަކުވެސް ބޭނުންނުކުރުމަށެވެ. ރޭގަނޑު ދިހައެއްޖަހާކަން ހާއިރު އޭނާ މަޒްހަރަށް ޚަބަރެއް ވާނެކަން ބުންޏެވެ. އޭނާގެ ޚަބަރެއް ނުވެއްޖެނަމަ މަޒްހަރު ގުޅާލަންވާނެކަން ނަވީން ބުންޏެވެ. މިފަދަ ކަންކަމުގައި އުޅޭއިރު ނިކަން ފަސޭހައިން ހަނދާންނެތޭ ގޮތް ވާކަން ނަވީން ބުނީ ހީނލާފައެވެ.

ފަތިސް ނާމާދަށް މާޔަލްއާއި މަލަކް ނަގަން އާމާލް އެ ކޮޓަރިއަށް އައެވެ. ނަމާދުކޮށްގެން ދެބެން ވެސް ކޮޓަރިން ނުކުތީއެވެ. އެމީހުންނަށް ރޭގައި ދޭތެރެއަކުން މައިރާ ހަޅޭލަވާ އަޑު އިވެއެވެ. އެހެންވެ މަންމަ ކައިރިން އެ ދެބެން ތިބީ އޮޅުންފިލުވަން ބޭނުންވެފައެވެ. ރޭގައި އެގޭތެރޭގައި ހިނގީ ކޮންކަމެއްކަން އެނގެން ބޭނުންވެފައެވެ.

"އެހެންވެ މަންމަ ބުނަނީ މީހަކު ދޭހާ އެއްޗެއް ނުކާށޭ." ކާމޭޒުދޮށުގައި އިނދެ ދެ ދަރީންނަށް ވެގެން އުޅޭ ގޮތް ކިޔާދީފައި އާމާލްއަށް ބުނެވުނެވެ.

"ޓްރަސްޓް ކުރެވޭ ދަންނަ މީހަކު ދޭ އެއްޗެއްނޫނީ މަލް ނުކަން." މަލަކް ބުންޏެވެ.

"މީހެއްގެ ހިތުގައި އޮންނަ އެއްޗެއް ކިހިނެއް އެނގޭނީ. އެހެންނޫނަމަ އެނގޭނެ ކޮންބަޔަކާކަން ދުރުގައި އުޅެންވީ." މާޔަލް ބުންޏެވެ.

ވަރުދެރަވެގެން މައިރާއަށް ތެދުވާނޭ ހިތްވަރެއް ލިބުނީ މެންދުރުވީ ފަހުންނެވެ. އަނބިމީހާ ފެންވަރުވައިގެން ރަޒާ ފާޚާނާއިން ނުކުތެވެ. އެނދުގައި ތުވާލިކޮޅާއެކު އިން މައިރާގެ ނަޒަރު ހުރީ ރަޒާއަށެވެ. ރޭގައި އޭނާ ދެއްކި ބައެއް ވާހަކަތައް ދުރު ހަނދާނެއް ފަދައިން މައިރާގެ ސިކުނޑީގައި ހުއްޓެވެ.

"ސޮރީ..." މައިރާ ބުނެލިއެވެ.

"މީ އެވަރުކަމެއްތަ. ދެމީހުން އެކީގަ ފެންވަރާ ފުރަތަމަ ފަހަރެއްނޫން." އިސްތަށިގަނޑު ހިއްކަން ހުރެ ރަޒާ ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ފިރިމީހާ ލޯބިވާވަރު މައިރާއަށް އިޙްސާސް ކުރެވުނެވެ. ޝުކުރުން އެ ހިތް ފުރުނެވެ.

"ރަޒާ މަންމައޭ ކިޔައިގެން އަހަރެން އެއްޗެހި ކީމަ." މައިރާ އިސްޖަހާލިއެވެ. އެހިނދު ރަޒާ އައިސް މައިރާގެ ގާތުގައި ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. ލޯތްބާއެކު މައިރާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. ދެ މީހުންގެ ނަޒަރު ސީދާވެލިއެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް. މައި ބަލިވެފަ ހުރެ މައިގެ ބާރު ނުހިނގާ ކަންކަމުގައި ސޮރީވާންވީ ކީއްވެ. އެކަމާ ދެން ނުވިސްނާ. ކޮޓަރިން ނުކުމެ އެއްޗެއް ކާލާ ހެދީމަ ގައިގަ ވަރުޖެހިދާނެ. މައިގެ ދެ ކޮއްކޮ މިހާރު ތިބޭނެ ރެޑީގަ. އެމީހުން އައި ތަންކޮޅެއް ކުރީން. މައިއަށް ނިދިފަ އޮތީ." ރަޒާގެ ވާހަކަތަކުގައިވީ އޯގާތެރިކަމާއި ގާތްކަމެވެ. އޭނާ ވެސް އަމިއްލަ ގެއަށްވުރެ މައިރާގެ ޢާއިލާއާއެކު އެ ގޭގައި ދިރިއުޅޭން މާ ހިތްހަމަޖެހޭ ކަހަލައެވެ.

މެންދުރުވަމުން އަންނަނިކޮށް މަލަކްއަށް މިއުވާނު ގުޅިއެވެ. އެ ކޯލު ނެގިގޮތަށް މަލަކް އައިސް ވަނީ ކޮޓަރިއަށެވެ. މަލަކްގެ ހާލު މިއުވާނު އޮޅުންފިލުވިއެވެ. ކިހިނެއްތޯ ގަސްދުކޮށްފައި އޮތީ މިއުވާނު ސުވާލުކުރިއެވެ. އަދި މަލަކް ކައިރީ ބްލެކްމެއިލް ކުރާ މީހާއަށް ފައިސާ ދިނުމަކީ ފަހަރެއްގައި ކުރެވޭ މޮޔަކަމެއްކަމުގައި ބުންޏެވެ. އެހެންވިޔަސް މަލަކްއަށް ޓަކައި މިއުވާނު ފައިސާދޭން އެއްބަސްވިއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އޭނާއަށް ގޮތް ހުސްފައިވަނިކޮށް ލިބުނު ފުރަތަމަ ހިތްހަމަޖެހުމަށް އެކަންވިއެވެ. މިއުވާނު އެދުނީ ފައިސާ ހިފައިގެން އެމީހަކާ ބައްދަލުކުރާން ދާނީ އޭނާކަމެވެ. މަލަކް އެ ބްލެކްމެއިލް ކުރާ މީހާއާ ވާހަކަދައްކަންވީ ކިހިނެއްކަން ވެސް މިއުވާނު ކިޔާދިނެވެ.

މިއުވާނުގެ ފޯނުކޯލުގައި އިންދާ ދައްޔާނު ގުޅަންފެށިއެވެ. ދުވާލަކު އެތައް ފަހަރަކު އޭނާ ގުޅައެވެ. އެތައް މެސެޖެއް ކުރާއިރު އޭނާއަށް ކުޑަކޮށް ވެސް މަލަކްއަށް އައިސްގެން އުޅޭ ބަދަލު ނޭނގޭފަދައެވެ. މަލަކްގެ ކައިރިއަށް އެންމެ ރުޅި އަންނަނީ އެކަމާއެވެ. ހުރިހާކަމެއްގައި ކޮށްފައި ނޭނގޭކަމަށް ދައްޔާނު ހެދިގެން އުޅޭތީއެވެ. މިއުވާނުގެ ކޯލު ނިންމާލާފައި މަލަކް ފޯނު ސައިލެންޓަށް ލައިފިއެވެ. ކިޔަވާ މޭޒުދޮށުގައި ގޮނޑިއަށް ދެފައި ނަގައިގެން އޭނާ އިނީ ވިސްނާށެވެ. ބައެއްފަހަރު ދައްޔާނުގެ މޫނުގައި އަތަށް ލެވުނުހާ ބާރެއްލާފައި ޖެހުމާއެކު ހުރިހާ އެއްޗެއް ގޮވާލަން މަލަކްގެ ހިތް ބުނެއެވެ. އަނެއްބައިފަހަރު އެހެން ހަދައިފިނަމަ ދައްޔާނުގެ ނުބައިކަން ހައްދުފަހަނަ އަޅައި ހިނގައިދާނޭ މަލަކްގެ ޟަމީރު ބުނެއެވެ. މިއުވާނު ވަނީ ދެ ދުވަސް އޭނާއަށް ދިނުމަށް ބުނެފައެވެ. އެހާތަނަށް ފައިސާ ތައްޔާރުކޮށްފައި ބަހައްޓާނެކަން އޭނާ މަލަކްއަށް ޔަގީންކަން ދިނެވެ. އަދި މަލަކް ބަދުނާމުވުމުން އޭނާ ސަލާމަތްކޮށްދޭނެކަމަށް ވަޢުދުވިއެވެ.

ޓެރެސްގައި ބަހައްޓާފައި ހުރި ހަރުގަނޑުގައި ދޮވެފައި ހުރި އެއްޗެހި ހިއްކަން އަޅަން އާމާލް އުޅެއެވެ. ކައިރީގަ ހުރި ވަށިގަނޑުން ފަހަރަކު އެއްޗެއް ދިއްކޮށްދޭން މާޔަލް ހުއްޓެވެ. ދަރިފުޅުގެ ހަރަކާތްތައް އާމާލްއަށް ފާހަގަނުވެ ނުދިޔައެވެ. ކީއްތޯވީ އާމާލް އަހާލިއެވެ. މާޔަލް އެހާ ގާތްވެގެން އެ އުޅެނީ ކޮންމެވެސް ކަމަކު ކިޔަންވީކަން އާމާލްއަށް އެނގެއެވެ.

"ދޮންތިއަށް މިހާބޮޑު ކަމެއް ދިމާވެގެން އުޅޭ ވަގުތެއްގައި މައްޔު ސެލްފިޝްވަނީއޭ މަންމަ ހީނުކުރައްޗޭ." މާޔަލްގެ ވާހަކަދެއްކުމުގައި ޖެހިލުންވިއެވެ. އާމާލް އެއްފަރާތުން އަތްވިދެލުމާއެކު އެއްފައިމައްޗަށް ބުރަވެ ހުރެ މާޔަލްއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހޫން ލައްވާލިއެވެ. ދަރިފުޅު ބުނަން އުޅޭ އެއްޗެއް އަޑު އަހަން ސަމާލުކަން ދީގެން ހުއްޓެވެ.

"މައްޔު މެރީކުރަން ބޭނުން." މާޔަލް ބުންޏެވެ.

"މަންމަ ނުބުނަމެންނު މައްޔުއަށް މެރީ ނުކުރެވޭނެއޭ." އާމާލް ބުންޏެވެ.

"ރިކް ބޭނުންވޭ މަންމަމެންނާ އޭނާގެ ޕޭރެންޓްސް މީޓުކޮށްދޭން. ކައިވެނީގެ ވާހަކަދައްކަން." މަންމަގެ މޫނުން ފާޅުވާ އަސަރުތަކަށް ސަމާލުވެ ހުރެ މާޔަލް ވާހަކަދެއްކިއެވެ. އާމާލް ހޫން ލައްވާލުމާއެކު ފުން ނޭވާއެއް ހަށިފުރާ ދޫކޮށްލިއެވެ.

"ދަރިފުޅުގެ އުފާތައް ވެސް މަންމައަށް މުހިންމު. އެކަމަކު ވަގުތާއި ހާލަތާމެދު މައްޔު ވިސްނާލަބަލަ. ދަރިފުޅުގެ ކައިވެނީގެ ވާހަކަ މިދައްކަނީ. މައިރް ވަރަށް ދެރަވާނެ މައްޔުގެ ކައިވެނީގެ ކަންކަމުގައި ބައިވެރި ނުވެވިއްޖެއްޔާ. މައްޔުއަށް އެނގޭނެ މިވަގުތު ދަރިފުޅުގެ ދޮންތި އެ އުޅެނީ ކޮންފަދަ ހާލެއްގައިކަން. ވީއެންމެ އަވަހަކަށް އައިރިކް ދަރިފުޅާ ކައިވެނި ކުރާންކަން އެނގޭ ބޭނުންވަނީ. އެކަމަކު އޭނާއަށް އަދި ކުޑަދުވަސްކޮޅަކަށް ކެތްކޮށްނުލެވޭނެތަ. މައިރްގެ ހާލު ރަނގަޅުވެލަންދެން." އާމާލް އައިސް މާޔަލްގެ ކަނާއަތު ކޮނޑުން ތިރިއަށް ފިރުމާލިއެވެ.

"އޭނާ ޤަބޫލުކުރާނެ. ދޮންތިގެ ހާލު އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެހާތަނުން ރިކްއާ މެރީކުރިޔަސް މަންމައަށް އޯކޭތަ. ޑޭޑް ކައިރީ މަންމަ ބުނެދީފާނަންތަ." މާޔަލް ބުންޏެވެ.

"މައިރް ރަނގަޅުވެލުމުން ރިކްގެ މަންމަމެންނާ ފުރަތަމަ ވެސް ބައްދަލުކުރާނީ. އިންޝާﷲ. ދަރިފުޅުގެ ކައިވެނީގެ ކަންކަން ހަމަޖެއްސުން ދެން އޮންނާނީ. މަންމަގެ އެއްވެސް މައްސަލައެއްނެތް މައްޔުއާއި އައިރިކް ކައިވެނި ކުރިޔަސް. ދަރިފުޅުމެންގެ ބައްޕަ ބުނި އައިރިކްއަކީ ރަނގަޅު ޒުވާނެކޭ. ރަނގަޅު ޢާއިލާއެއްގެ ކުއްޖެކޭ." އާމާލް ބުންޏެވެ.
"ތެންކިޔު މަންމާ." މާޔަލް ހިނިތުންވެލިއެވެ.

* * * * *

މައިރާއަށް ރުޤްޔާ ކުރާތާ ހަތަރުވަނަ ދުވަހެވެ. ރޭގަނޑު ދިހައެއް ޖަހާކަން ހާއިރު ނަވީން އަންނާނެ ވާހަކަ ބުނެފައި އޮތެވެ. މައިރާގެ ގާތުން ރަޒާ ދުރަށް ނުދެއެވެ. އޭނާ އަހަރީ ޗުއްޓީ ނަގައިގެން އަނބިމީހާގެ ކައިރީ މަޑުކުރީއެވެ. މައިރާ ރަނގަޅުވާ ދެމެދު ވާނީ ކިހާ ދުވަހެއްކަމެއް ޔަގީންނުވާތީއެވެ. އޭނާގެ ދައްތަ، އިރުފާއަށް ވާހެން މައިރާ ވެސް ހުންގަދަވެ ބުއްދި ގޯސްވަނީ ދަންވަރަށެވެ.

ހަވީރު މައިރާގެ ޢާއިލާއާއެކު ޓެރެސްގައި ސައިބޯން ރަޒާ ވެސް އިނެވެ. އޭނާއަށް ފޯނެއް އަންނާތީ ބަލާލިއިރު ގުޅަނީ ލިޔުޝާއެވެ. ފޯނުކޯލު ނެގުމުން ލިޔުޝާ އަހާލީ އޭގެ ދެމަފިރިން އެނބުރި ގެއަށް އަންނަނީ ކޮންއިރަކުންތޯއެވެ.

"އަދި ނޭނގޭ. މައިއަށް މިވަގުތު އޭނާގެ ފެމެލީ ކައިރީ ހުރުން މުހިންމު. ކޮބާ މަންމަ." ރަޒާ އަހާލިއެވެ.

"ދޮންބެދައްތަ އެކަނިވީމަ. މައި ގޮވައިގެން އަންނަންވީނު. މައިގެ ހާލު ބަލަން ދޮންބެއްދައްތަ ހުންނާނަމޭ." ލިޔުޝާ އަނެއްކާވެސް ބުންޏެވެ. ރަޒާގެ ދެބުމަ ކައިރިވެލިއެވެ. މައިރާ ރަނގަޅުނުވަނީސް އޭނާ މައިރާ އެއްވެސް ތަނަކަށް ނުގެންދާނެއެވެ.

"މައި ރަނގަޅުވީމަ ދާނަން." ރަޒާ ބުންޏެވެ.

"މައިރާމެންގެ ހުންނަނީ ކޮންތާކުތަ؟. ލަމްކޮ މައިރާ ނުފެންނާތީ އެވާހަކަ ދައްކާ. ގޮވާލަން ދާންކަމަށް. ރަޒާ އަންނަންވީނު ދޮންބެދައްތަމެން ގޮވައިގެން ދާން. ރަޒާއާއި މައިއަށް ހުންނާނެ ދޮންބެދައްތަ ރަށުން ފޮނުވާފައި ހުރި ހަދިޔާ ދަޅެއް. އެ ގެންދަންވީނު." ލިޔުޝާ ބުންޏެވެ.

ރަޒާއަށް ބަޔާންކުރާން ނޭނގޭ ފަދަ އުނދަގޫ އިޙްސާސެއް ކުރެވުނެވެ. ނަވީން އޮތީ މިވަގުތު މައިރާއާ އެއްވެސް މީހަކު ބައްދަލުވިޔަ ނުދޭން ބުނެފައެވެ. އަދި ދުރުން ގެންނަ އެއްވެސް ކާއެއްޗެއް ވެސް ނުދޭން ބުނެފައެވެ. ރުޤްޔާ ކުރަމުންދާ ކަމުގެ ޚަބަރު ވެސް އެ ޢާއިލާގެ ތެރެއިން ބޭރަށް ދިޔަނުދޭން ބުނެފައެވެ. އެހެންވެ ލިޔުޝާ ކައިރީ އެއިން އެއްވެސް ވާހަކައެއް ބުނެވޭކަށް ރަޒާއަކަށް ނެތެވެ. ލިޔުޝާއަކީ ހުރިހާ އެންމެންގެ ހާލުބަލާ މީހެކެވެ. ބަސްމަދުވިޔަސް އޭނާގެ ޢަމަލުން އެކަން ފެނެއެވެ. އެއްވެސް މީހަކާ ނުޖައްސާ ހުރިހާ މަސައްކަތެއް ކުރާ މީހަކީ ލިޔުޝާކަން ރަޒާ އަބަދުވެސް ދަނެއެވެ. އެކަމަކު ރަޒާއަށް ފޯނުން އިވެމުންދިޔަ ލިޔުޝާގެ އަޑުގައި ކެތްތެރިކަމެއްނެތްހެން ހީވަނީއެވެ. އެއީ ލިޔުޝާގެ އާންމު އުސޫލެއްނޫނެވެ.

"ރަޒާ... އެބަހުރިންތަ. ކީއްވެ އެއްޗެއް ނުބުނީ. މައިއަށް ނާދެވުނަސް ރަޒާ އާދެބަލަ. މިއަދު މިއުޅެނީ ލަމްއަށް ޕިރިނީ ވެސް ހަދައިގެން. މައި ވަރަށް އަވަހަށް ރަނގަޅުވެދާނެ. ރަޒާ އަންނާނަންތަ. ދޮންބެދައްތަ ތައްޔާރުވާންވީތަ. ޕިރިނީކޮޅެއް ވެސް ގެންދަންވާނެ. ރަޒާ މިގެއިން ކައިގެން މައިއަށްވީ ބައި ގެންދާނީ. އަވަހަށް އާދޭ އިނގޭ. މިދަނީ ރެޑީވާން. ލަމް ވެސް ތައްޔާރުކުރާން ޖެހޭނެއެއްނު ދޯ." ލިޔުޝާ ވާހަކަދެއްކިއެވެ.

"ދޮންބެދައްތާ. ސޮރީ... ނެތް ދެވޭކަށް." ރަޒާ ބުންޏެވެ.

"އެހެންވީރު ތިގެ ބުނެބަލަ. ދޮންބެދައްތަ ޓެކްސީއެއްގަ ގޮސްދާނަމޭ. މައި ދެކޭ ހިތުން މިވަރަށް މިކިޔަނީ. އަހަރެން ގޮސްގެން ނުވަނީތަ. ރަޒާ ބުނެބަލަ." ލިޔުޝާގެ ރާގު ބަދަލުވެލިއެވެ.

"ސޮރީ ދޮންބެދައްތާ. އަހަރެން ދާންޖެހިއްޖެ. ފަހުން ގުޅާނަން." ކާމޭޒުދޮށުން ތެދުވެ މައިރާގެ ޢާއިލާއާ އެކަހެރިވެ ހުރެ ރަޒާ ބުންޏެވެ. ކޯލު ކަނޑާލާފައި އޭނާއަށް ފޯނަށް ބަލަން ހުރެވުނީއެވެ. ލިޔުޝާގެ ވާހަކަދެއްކުން ހުރިގޮތާމެދު ރަޒާގެ ޟަމީރު ސުވާލު އުފެއްދިއެވެ. އެހާ އަނގަގަދަވެ ކެތްތެރިކަމެއްނެތި ދުވަހަކުވެސް ލިޔުޝާ ވާހަކަދެއްކިތަނެއް ރަޒާ ނުދެކެވެ. ރުންކުރުކަމާއެކު ބާރަށް އެއްޗެއް ބުނާތީ ވެސް އަޑު އިވިފައެއް ނެތެވެ. އަބަދުވެސް އެއީ ނިކަން މަޑުމަޑުން ހުންނަ ބަސްމަދު އަންހެންކުއްޖެއެވެ.

"ކީކޭ ދޮންބެދައްތަ ކީ." ރަޒާ އެނބުރި އައިސް އިށީނުމުން މައިރާ އަހާލިއެވެ.

"ގޭގައި އެކަނިވެގެން މައިގެ ހާލު ބަލާލަން ގުޅާލީ." ރަޒާ ހުރިހާ ތަފްސީލެއް ނުދިނެވެ.

"މިހާރު ނުހުންނާނެ އެކަކުވެސް. އެހެންވީމަ އެކަނިވާނެއެއްނު. އަހަރެން ވާހަކަދައްކާލަން ދިންނަމަ." މައިރާ ބުންޏެވެ. ރަޒާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާ އެ ފޯނުކޯލުގެ ވާހަކައެއް އިތުރަށް ނުދެއްކިއެވެ. ވާހަކަ ބަދަލުކޮށްލަމުން ކުރިމަތީ ހުރި ތަށިން ކަރާކޮޅެއް ނަގައި މައިރާއަށް ލަވާދިނެވެ.

ރޭގަނޑުގެ ވަގުތެވެ. ނަވީންއާއި ރިޔާޒުގެ މަސައްކަތް އެމީހުން ފެށިއެވެ. މައިރާގެ ގައިތެރޭގައިވި ޝައިތާނާގެ ބާރު އައީ ކުޑަވަމުންނެވެ. އޭތި ބަލިކަށިވާ ވަރަކަށް މައިރާއަށް ގެއްލުންދޭން މަސައްކަތް ކުރެއެވެ. ހަތަރުގަޑިއިރު އެކަމުގައި އުޅުނު ފަހުން އެންމެންނަށް އޮޅުންފިލައިފިއެވެ. މައިރާއަށް ކެވުނީ އޭނާއަށް ހަދާފައި ހުރި ސިހުރެއްނޫނެވެ. އެކަމަކު އެ ސިހުރުގެ ބޭނުމަކީ މަރާލުމެވެ. ޖެހުނީ ޖެހެންޖެހޭ މީހާއަށްތޯ ބެލުން އެކަމާ މަތިކޮށްފައި ހުރި ޖިންނިއަށް މުހިންމެއްނޫނެވެ. ރަޒާއާ ދިމާއަށް އޭނާ ނުކައިމާ ވީގޮތެކޭ ބުންޏެވެ. އަދި އެ ސޮރު ދޫކޮށްލާ މަތިން މާދަމާ ރޭ ހުވަފެނުގައި މައިރާއަށް އެކަން ކުރާ މީހަކު ދައްކަން ޖިންނި ބުންޏެވެ. ނަމަވެސް އެކަމާ ނަވީން އެއްބަހެއް ނުވިއެވެ. މައިރާގެ ހަށިގަނޑު ދޫކޮށްލަން ނަވީން ބުންޏެވެ. އެހެންޏާ ނުދެކެވޭ އެތައްއެތައް ވާހަކައެއް މައިރާ ދެއްކިއެވެ. ހަޤީޤަތުގައި ވާހަކަދައްކަމުން ދިޔައީ މައިރާއެއްނޫނެވެ. އޭނާގެ ހަށިގަނޑު ޙިޞާރުކޮށްގެން އުޅޭ ޝައިތާނާއެވެ. އޭތި އެކިއެކި އުޒުރު ދައްކައެވެ. މައިރާގެ ހަށިގަނޑުން ނުނިކުމެ ހުރެ އެތައްކަމެއް ކުރާން ވަޢުދުވަމުން ދިޔައެވެ. ނަވީން ވަރަށް ހުސިޔާރެވެ. ބުއްދިއާ ކުޅޭން އުޅޭކަން އޭނާ ނިކަން އަވަހަށް ދެނެގަނެ އެކަން ހުއްޓުވައެވެ. ޤުރުއާނުގެ އެހީގައި ރަނގަޅު ގޮތް ބުނެދޭން މަސައްކަތް ކުރިއެވެ. އިންސާނުންނަށް ވުރެ ޖިންނިން ބާރު ގަދަވިޔަސް ޖިންނިންގެ ކިބައިން ކުރި ހޯދާނެ ޢިލްމަ ﷲ ވަނީ ދެއްވާފައިކަން ނަވީން ބުނެއެވެ. އެންމެ ބާރުގަދަ ހަތިޔާރު ކަމުގައި ޤުރުއާންވާކަން އޭނާ ހަނދާންކޮށްދެއެވެ. ވީއިރު މައިރާގެ ހަށިގަނޑު ދޫކޮށްނުލަންޏާ އޭނާ އެ ޖިންނިއަށް އަދަބުދޭނަންކަމުގައި ބުންޏެވެ. އަދި މިހާރު އިހްސާސް ކުރެވޭ ވޭނަށްވުރެ އެތައް ގުނައެއް ބޮޑު ވޭނަކަށް ވާނޭކަން ބުންޏެވެ. މައިރާ ވަގުތުން ހިމޭންވީއެވެ. ދެން އޭނާ ބަހެއް ނުކިޔާ އޮންނަން ފެށުމުން ނަވީން ކިޔަވަންފެށީއެވެ. ގިނައިރެއްނުވެ މައިރާ ރޯންފެށިއެވެ.

(ނުނިމޭ)