ހަބަރު

އައިވީއެފް ފަންޑެއް ލޯންޗްކޮށްފި

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީ ގޮތުން ދަތިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން އައިވީއެފް ފަންޑެއް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ލޯންޗްކޮށްފި އެވެ.

މި ފަންޑް ލޯންޗްކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ފާޓިލިޓީ ދުވަހުގެ މުނާސަބަތުގައި "އަ ނައިޓް އޮފް ހޯޕް" ގެ ނަމުގައި ރޭ ބޭއްވި ހާއްސަ ފަންޑްރެއިޒިން ރަސްމިއްޔާތެއްގަ އެވެ.

މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑް ލޯންޗްކޮށްދިނީ އެ ޖަމިއްޔާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ މަރިޔަމް ޝެނިން އެވެ.

އައިވީއެފް ފަންޑަކީ މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ފަރުވާ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖަމިއްޔާއިން ހުޅުވި ފަންޑެކެވެ. މި ފަންޑުގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ހަފުލާގައި އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާއި އެކު ރާއްޖޭގެ ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް ހާއްސަ އެއްބަސްވުމެއްގައި އެ ކްލިނިކާއި އެކު ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ވަނީ ސޮއި ކޮށްފައެވެ. އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރީ ޖަމިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސެއިން އެވެ. ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއިކުރީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ. ސަންކަލްޕް ސިންގް އެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އުމުރުން 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ފަންޑަށް އެދި ހުށަހެޅުމުގެ އެޕްލިކޭޝަން ފީގެ ގޮތުގައި ނަގަނީ 200 ރުފިޔާއެވެ.