ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިނގިރޭސިވިލާތަށް ވަޑައެއް ނުގެންނެވި

Jan 17, 2016
3
  • އާއިލާއިން ބުނަނީ އެގޮތް ނިންމީ ޝަރުތުތަކެއް ހުށަހެޅުމުން ކަމަށް
  • ކަރެކްޝަނުން ބުނަނީ އޮތް ޝަރުތަކީ އެންމެނަށް އޮންނަ އުސޫލު ކަމަށް
  • ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ދަރިކަނބަލުން

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ދިން ނަމަވެސް އިނގިރޭސިވިލާތަށް ވަޑައިނުގަންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ. އެކަން ކަށަވަރުކޮށްދެއްވާދައި ވަނީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 30 ދުވަހަށެވެ. އަދި އޮޕަރޭޝަނަށް ފަހު ޑޮކްޓަރު ލަފާގެ މަތިން މުއްދަތު އިތުރު ކުރާނަމަ 45 ދުވަސް ދޭ ގޮތަށެވެ. މި ހުއްދަތައް ދީފައި ވަނީ ރައީސް ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ރާއްޖެއިން ބޭރުން އެ އޮޕަރޭޝަން ކުރަން ޖެހުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފަޔަކާއެކު އެވެ.

ނަމަވެސް މިރޭ ނަޝީދުގެ ދަރިކަލުން މީރާ އޭނާގެ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓް ކުރައްވާ ވިދާޅުވެފައިވަނީ ފޯނުން ބައްޕާފުޅާ މިއަދު ވާހަކަ ދައްކަވާފައިވާ ކަމަށާއި އިނގިރޭސިވިލާތަށް ވަޑައިނުގެންނެވުމަށް ބައްޕާފުޅު ނިންމަވާފައިވާ ކަމަށާއި އެގޮތް ހިޔާރު ކުރެއްވީ އިނގިރޭސިވިލާތަށް ވަޑައިގެންނެވޭނީ ޒިންމާވާނެ މީހަކު ރާއްޖޭގައި ހުންނަ ގޮތަށް ކަމަށް ސަރުކާރުން އަންގާފައިވާތީ ކަމަށާއި ސަރުކާރުން ފުރަތަމަ ހުއްދައެއް ދެއްވީ ޝަރުތަކާ ނުލައި ނަމަވެސް ފަހުން ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށެވެ.

ނަޝީދުގެ ދަރިފުޅު، މީރާ ވިދާޅުވެފައި ވަނީ ސަރުކާރުން އޭނާގެ ބައްޕައާ މެދު ހިތް ނުޖެހިއްޖެ ނަމަ ޒިންމާވާ ފަރާތް ހައްޔަރު ކުރެވޭ ކަމަށާއި ނަމަވެސް އެގޮތް ބައްޕާފުޅާއި އާއިލާއިން ވެސް ބޭނުން ނުވާ ކަމަށާއި އެހެން މީހެއްގެ މިނިވަންކަން ގެއްލެން އެއްބަސް ނުވެވުނީ އެހެން ވެގެން ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ނިންމަވާފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ބުނީ ސަރުކާރުން ދިން ހުއްދައާއެކު ރައީ ނަޝީދު އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވެފައި ވަނީ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށެވެ.

ކަރެކްޝަނުން ބުނީ ބަންދުގައި ތިބޭ މީހުން ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުވާލާއިރު އާއިލާ އިން ސޮއި ކުރަންޖެހޭ އިގުރާރެއް އޮންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ފުރޭނީ އެ އިގްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ.

އުސޫލު އޮންނަ ގޮތުން ރައީސް ނަޝީދާ ހަވާލުވެ ވަޑައިގެން އިނގިރޭސި ވިލތަށް ވަޑައިގަންނަވާ ބޭފުޅަކާއި ރާއްޖެއިން ޒިންމާ ނަންގަވާ ފަރާތެއް ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ޖެހެ އެވެ.

ކަރެކްޝަނުން ބުނީ އެ އުސޫލު އެހެން އޮތް ނަމަވެސް އާއިލާއިން ބޭނުން ވަނީ ލީގަލް ޓްރެވެލް ޑޮކިއުމެންޓްގައި ސޮއިނުކޮށް ނަޝީދު ވަޑައިގަތުމަށް ކަމަށައި މިއަދު އެކި ފަހަރުމަތން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ކަރެކްޝަނުން މިހެން ބުނެފައިވާއިރު އާއިލާއިން މިރޭ ވަނީ ކުރު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނަނީ ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމުގެ އެއްވެސް ލީގަލް ޑޮކިއުމެންޓެއްގައި ސޮއި ކުރުމަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ލިޔުމެއްގައި ސޮއ ކުރަން ރައީސް ނަޝީދުވެސް އެދި ވަޑައިގެންފައި ނުވާ ކަމަށާއި ކަރެކްޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.