އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ ފަލަސްތީންގެ ގުދުސްއަށް ބަދަލުކުރުމުގެ ވިސްނުމެއް -- ރޭވުމެއް ނުގެންގުޅޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.
އިނގިރޭސި ސަރުކާރުގެ ސިޔާސަތަށް ގެނައި ކުއްލި މި ބަދަލަކީ ބޮޑުވަޒީރު ބަދަލުވެ، ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން މަޖުބޫރުވުމުން ގެނައި ބަދަލެކެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި ދުވަސްކޮޅެއް ކުރިން ހުންނެވި ލިޒް ޓްރަސްގެ ސަރުކާރުން ވިސްނާފައި އޮތީ އިނގިރޭސި އެމްބަސީ ގުދުސްއަށް ބަދަލުކުރާ ގޮތަށެވެ.
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ލިޒް ޓްރަސް ނިއުޔޯކަށް ވަޑައިގެން އިޒްރޭލުގެ ބޮޑުވަޒީރު ޔައީރު ލަޕީދުއާ ބައްދަލުކުރައްވައި އިނގިރޭސި އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް މަޝްވަރާތަކެއް ވެސް ކުރެއްވި އެވެ.
މި މަޝްވަރާތަކުގެ ވާހަކަ އާންމުންނަށް ފޯރުމާ އެކު އިނގިރޭސި ސަރުކާރަށް ރައްދުވި އިންޒާރުތަކާ ގުޅިގެން ހޫނުފެނަށް ވެއްޓިވަޑައިގެން އަދި ކުރިމަތިވެ ވަޑައިގެންނެވި އެހެން ފިއްތުންތަކުގައި ލިޒް ޓްރަސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ފަލަސްތީން، އިޒްރޭލު މައްސަލާގައި އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ބޮޑުވަޒީރު ރިޝީ ސުނާކްގެ ސަރުކާރުގެ ސިޔާސަތު ނޫސްވެރިންނަށް ހާމަކޮށްދެއްވަމުން ތަރުޖަމާން ވިދާޅުވީ ތެލް އަވީވްގައި ހުންނަ އިނގިރޭސި އެމްބަސީ ގުދުސްއަށް ބަދަލުކުރުމަކީ ރޭވުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ފަލަސްތީންގެ ސަފީރު ހުސާމް ޒުމްލަތު ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުން ބައިނަލްއަގުވާމީ މުއާހަދާތަކަށް ރުޖޫއަވުމަކީ ބޮޑު އުފާލެކެވެ.
މި މައްސަލާގައި އިނގިރޭސި ސަރުކާރަށް ވިސްނައި ދިނުމަށް މަސައްކަތްކުރިހާ ބަޔަކަށް ޝުކުރު ހައްގު ކަމަށް ޒުމްލަތު ވިދާޅުވި އެވެ. އަދި އިނގިރޭސި ޕާޓީތަކުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ވެސް ޝުކުރުއަދާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން އޮތީ ނުފޫޒުގަދަ ގައުމުތަކުގެ އެހީތެރިކަމާ އެކު ކަމަށްވެސް ފަލަސްތީންގެ ސަފީރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އެއްބާރުލުން ލިބިވަޑައިގެންފިނަމަ ފަލަސްތީނަށް މިނިވަން ދައުލަތެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމަށްވެސް ޒުމްލަތު ވިދާޅުވި އެވެ.