ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން ވައްކަން ކުރާ މީހުންނަށް ވެސް އާ އީޖާދުތައް ކޮށްގެން ވައްކަން ކުރަން ވަނީ ދަސްވެފަ އެވެ. ނަމަވެސް ސައުތު އެފްރިކާގެ ކޭޕްޓައުނުގައި ދާދިފަހުން ބަޔަކު ކޮށްފައިވާ ވައްކަމަކީ އެފަދަ ވައްކަމެއް މީހަކު ދުވަހަކުވެސް ލޮލުން ދެކެފައިވާ ފަދަ ވައްކަމެއް ނޫނެވެ. އަދި އެފަދަ ވައްކަމެއް ކުރި ވާހަކަވެސް މީގެ ކުރިން އަޑުއިވިފައި އޮންނާނެ ހެނެއް ވެސް ހިޔެއް ނުވެ އެވެ.
ވައްކަމުގެ މި ވާހަކަ އަޑުއިވޭ ކޮންމެ މީހަކުވެސް ހައިރާންވެގެން ގޮސް ބުނާނެ އެއެއްޗެއް ނޭނގެ އެވެ. ސަބަބަކީ މި ވައްކަމުގެ ވާހަކަ އެހާވެސް ތަފާތު ވީމަ އެވެ. އާދަޔާޚިލާފު ގޮތަކަށް ކޮށްފައިވާ ވައްކަމެއް ވީމަ އެވެ.
ސައުތު އެފްރިކާގެ ކޭޕްޓައުންގެ ސްކޫލަކަށް ވަގުން ވަދެ ނަގާފައިވަނީ އެ ސްކޫލްގައި ހުރި ގޮނޑި މޭޒުފަދަ ތަކެތި އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ވަނީ މުޅި ސްކޫލް ވަގަށް ނަގާފަ އެވެ. މީގެ މާނައަކީ ސްކޫލް ރާނަން ބޭނުންކޮށްފައި ހުރި ގާތަކާއި ފުރާޅުގައި ހުރި ޓިނަށް ދަންދެން ވަގުން ވަނީ ގެންގޮސް، އެ ސްކޫލް ވުޖޫދުން ވެސް ފޮހެލާފަ އެވެ.
ސްކޫލް ކުރިން ހުރި ތަނުގައި މިހާރު ހުރީ ހަމައެކަނި އެ ސްކޫލްގެ ބިންގާ އެކަންޏެވެ. އެނޫން ހުރިހާ އެއްޗެއް ވަނީ ވަގަށް ގެންގޮއްސަ އެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑް މެޓްރޯގައިވާ ޚަބަރެއް ބުނާ ގޮތުގައި އުއިޓްޒިގް ސެކަންޑަރީ ސްކޫލް ހުރީ 2019 އިން ފެށިގެން ބަންދުކޮށްފަ އެވެ. އަދި މިހާރު އެ ސްކޫލްގެ އިމާރާތް ހުރި ތަނުގައި އެއްވެސް އެއްޗެއް ނެތެވެ.
ސްކޫލް ރާނަން ބޭނުންކޮށްފައިވާ ހުރިހާ ގަލެއް، ކުޑަދޮރެއް، ޓިނެއް އަދި ފާޚާނާ ހޮޅިތަކާއި ފެންހޮޅިތަކާއި ކަރަންޓު ވައިރުތައް އަދި ބްލެކްބޯޑުތައް ވެސް ވަނީ ވަގަށް ގެންގޮއްސަ އެވެ. މި ތަކެތި އެމީހުން ވަނީ ނުއަގުގައި ވިއްކާފަ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި ސްކޫލުގައި ހުރި ހުރިހާ އެއްޗެއް ވަގަށް ނަގާފައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުން ތަކެކެވެ. އަދި އެ ތަކެތި އެމީހުން ނުއަގުގައި ވިއްކާފައިވަނީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދުމަށެވެ.
ސައުތު އެފްރިކާގެ ތައުލީމީ އިދާރާއިން 2019ގައި އެ ސްކޫލް ބަންދުކުރަން އަމުރުކުރީ އެ ސްކޫލަކީ ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ ވަރަށް ވުރެ އޮނިގަނޑު ބަލިކަށިކޮށް ހަދާފައިވާ ތަނެއް ކަމަށާއި ގޭންގްތަކުގެ އުނދަގޫ އެހިސާބަށް ބޮޑުކަމުން ކުދިން ކިޔަވަން ދާން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެފަ އެވެ.
އެގޮތުން ސްކޫލް ބަންދުކުރިތާ އެންމެ ހަމަސް ދުވަސް ފާއިތުވީއިރު ފައުންޑޭޝަންގަނޑު ފިޔަވައި އެއްވެސް އެއްޗެއް އެ ސްކޫލު އިމާރާތުގައި މިހާރު ނެތެވެ.