ލައިފްސްޓައިލް

7،300 ދިރުހަމް ވަގަށް ނެގި މީހަކު މައާފަށް އެދިއްޖެ

ޑުބާއީގައި ހުންނަ އޮފީހެއްގައި ކްލީނާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު އެ އޮފީހުން 7،300 ދިރުހަމް ވަގަށް ނެގުމަށް ފަހު ކުންފުނީގެ އިސް މީހާއަށް ގުޅައި ކުށަށް އިއުތިރާފުވެ، މައާފަށް އެދިއްޖެ އެވެ.

ޑުބާއީ ކޯޓް އޮފް ފަސްޓް އިންސްޓެންސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އިންޑިއާގެ 61 އަހަރުގެ ވިޔަފާރިވެރިއަކު އޭނާގެ ކުންފުނިން ފައިސާތަކެއް ވަގަށް ނަގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭނާ މި މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު ފައިސާތައް ވަގަށް ނެގީ ކާކުކަމެއް ނޭނގެ އެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަހުން އެ އޮފީސް ސާފުކުރަން އުޅޭ 37 އަހަރުގެ އިންޑިޔާ މީހެއް އޭނާއަށް ގުޅައި ފައިސާތައް ވަގަށް ނެގީ އޭނާ ކަމަށް ވަނީ އިއުތިރާފު ވެފަ އެވެ.

އޭނާ ފައިސާ ވަގަށް ނެގީ ދަރަންޏެއް ނަގާފައިވާ މީހުންނަށް އެ ދަރަނި ދައްކަން ކަމަށް އެމީހާ ބުނިކަމަށް ވެއެވެ. ވިޔަފާރިވެރިޔާ ބުނި ގޮތުގައި އޭނާ 7،300 ދިރުހަމް އޮފީހުގައި ބަހައްޓާފައި ފަސް ދުވަސް ފަހުން ބަލާލިއިރު ފައިސާ ބެހެއްޓިތަނުގައި ނެތެވެ.

"އަހަރެން ހުރިހާ މުވައްޒަފުން އެއްކޮށްފައި ފައިސާ ގެއްލުނު ވާހަކަ ބުނިން. އަދި އެއްވެސް މީހަކަށް ފައިސާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭތޯ އެހިން. އަދި ފައިސާ ނުފެނިއްޖިއްޔާ ފުލުހުންނަށް އަންގާނެ ކަމަށް ވެސް ބުނިން. އެންމެންވެސް ބުނީ ނުދެކެމޭ އެ ފައިސާތަކެއް އަދި ނުނަގަމޭ އެމީހުންނެއް. އެ ސުވާލުތައް ކޮށްފަ އަހަރެން އޮފީހުން ނުކުތް ފަހުން ސާފުކުރާ މީހާ ގުޅާފަ ބުނި އޭނާއޭ ފައިސާތައް ވަގަށް ނެގީ އޮފީސް ސާފުކުރަން އުޅުމުގެ ތެރޭގައި،" ގަލްފު ނިއުސް އާ ވާހަކަ ދައްކަމުން ވިޔަފާރިވެރިޔާ ބުނެފައި ވެއެވެ.

ފައިސާ ވަގަށް ނެގި މީހާ އޭނާގެ ވެރިމީހާ ކައިރިން ވަރަށް ބޮޑަށް މައާފަށް އެދުނެވެ. އަދި މަންމަ ވަރަށް ބަލިވެގެން ފައިސާ ބޭނުން ވެގެން ރައްޓެހިންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށާއި ފައިސާތައް ވަގަށް ނެގީ ދަރަނި އަދާ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް އެމީހާ ބުނި ކަމަށް ވެއެވެ.

ޑުބާއީ ޕަބްލިކް ޕްރޮސެކިއުޝަނުން ވެސް ބުނެފައިވަނީ ފައިސާ ވަގަށް ނެގި ކަމަށް ސާފުކުރާ މީހާ އެއްބަސް ވެފައިވާ ކަމަށެވެ. މި މީހާގެ މައްޗަށް ނިޔާ އިއްވުން އޮންނާނީ މި ހިނގާ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.