މޯލްޑިވްސް މީޑިއާ ކައުންސިލް

ޝާފިއު ޖިންސީ ފުރައްސާރަކުރިކަމުގެ ހެއްކެއް ނެތް

އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު މުހައްމަދު ޝާފިއު އެފަދަ އަމަލެއް ކޮށްފައިވާ ކަމުގެ ހެއްކާއި ގަރީނާ ނެތުމުން ފުލުހުން އެ މައްސަލަ ނިންމައި ފައިލްކޮށްފި އެވެ.

ޝާފިއު އަށް ކުރެވުނު ތުހުމަތާ އެކު ފުލުހުން ބަލަމުން ދިޔަ މައްސަލަ ބަލައި ފައިލްކުރުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލްގެ މެންބަރު ޝާފިއުގެ މައްސަލައެއް ފުލުހުން ބަލަން ފެށުމާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން ކައުންސިލްގެ މަސްއޫލިއްޔަތު ތަކުން ޝާފިއު އެކަހެރި ކުރަން ކައުންސިލުން ކުރިން ނިންމާފައިވާ ނިންމުން އުވާލާފައިވާ ކަމަށެވެ.

އެމްއެމްސީން ބުނީ ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނެ އެ ނޫހުގައި އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރުތަކެއް ޝައިއުކޮށްފައިވާ ކަަމަށެވެ.

"މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިންއިން ނެރެފައިވާ ނޫސް ބަޔާނާއި އެކަމާއި ގުޅިގެން ޝާއިއުކޮށްފައިވާ ހަބަރުތަކަކީ މީޑިއާގެ އަހުލާގީ މިންގަޑުގެ ދެވަނަ އަދި ހަތަރުވަނަ މާއްދާއާއި ހިލާފަށް، ހަގީގަތެއް ބެލުމެއްނެތި ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި މީޑިއާ ކައުންސިލާއި ކައުންސިލްގެ މެންބަރުންނާއި މެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު ނުރަނގަޅު ތަސްއަވުރެއް އުފެދޭ ފަދަ ގޮތަކަށް ޝާއިއުކޮށްފައިވާ ހަބަރުތަކެއް ކަމުގައި ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ވަގުތު ނޫހުގެ ހަބަރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެކަމާ ގުޅޭގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުމަތައުތަކުގައި މަސައްކަތްކުރާ ގޮތް ނޫން ކަމަށްވެސް އެމްއެމްސީން ބުނެފައިވެ އެވެ.

"އެހެންކަމުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިއާޔަތް ކުރުމަށާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތަށް މައުލޫމާތާއި ހަބަރުތައް ގެނެސްދިނުމަށް މިފުރުސަތުގައި ހަނދާންކޮށްދީ އިލްތިމާސް ކުރަމެވެ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.