ސްރީލަންކާ

ލަންކާއިން މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

Nov 5, 2022

ގިނަ އަދަދަކަށް ދިވެހިން އުޅޭ އަވަށްޓެރި ސްރީލަންކާ އިން މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ހާމަކޮށްފި އެވެ.

ބަލި ޖެހިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ދުބާއީ އިން ކޮލަމްބޯއަށް ދިޔަ 20 އަހަރުގެ ޒުވާނަކަށެވެ.

މީގެކުރިން ވެސް މަންކީ ޕޮކްސް އަށް ޝައްކު ކުރެވިގެން ހަ މީހަކު ލަންކާގައި ޓެސްޓްކޮށްފައިވެ އެވެ. ނަމަވެސް ހަ މީހުންނަށްވެސް އޭރު ޖެހިފައިވަނީ މަންކީ ޕޮކްސް ނޫން ކަމަށް ފަހުން ކަނޑައަޅާފައިވެ އެވެ.

މަންކީ ޕޮކްސް އަކީ މީދާފަދަ ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. މަންކީ ޕޮކްސް ޖެހުމުން ފެންނަނީ ހިމަބިހީގެ އަލާމާތްތަކާއި އެއްފަދަ އަލާމާތްތަކެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އަދި މިއީ 1980 ވަނަ އަހަރު ހިމަބިއްސަށް ވެކްސިނެއް ހޯދި ފަހުން އާމުންގެ ސިއްހަތަށް ނުރައްކާތެރި މިފަދަ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަލި ކަމަށްވެސް ވެއެވެ.

ލަންކާއިން މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިފައި މިވަނީ މަންކީ ޕޮކްސް ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ނިންމާ ބައިނަލްއަގުވާމީ ކުއްލި ހާލަތު ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައި ވަނިކޮށެވެ.

މަންކީ ޕޮކްސް ޖެހުނު މީހާ އަށް މިހާރު ދަނީ ލަންކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިސީސްގައި ފަރުވާ ދެމުންނެވެ. ލަންކާގެ ހެލްތު މިނިސްޓްރީގެ ހެލްތު ސާވިސަސްގެ ޑިރެކްޓާރ ޖެނެރަލް ޑރ. އަސެލާ ގުނަވަރްޑެނާ ވިދާޅުވި ގޮތުގައި ފަރުވާ ހޯދަމުންދާ މީހާގެ ހާލު އާންމު ގޮތެއްގައި ރަނގަޅެވެ. އެކަމަކު އޭނާގެ ސިއްހީ ހާލަތު އަދިވެސް ގާތުން ބަލަން ބޭނުންވާތީ ހޮސްޕިޓަލްގައި ބާއްވާފައި އޮތީ ކަމަށްވެސް ބުނެފައިވެ އެވެ.

މަންކީ ޕޮކްސް ޖެހިފައިވާ ޒުވާނާއާއި ބައްދަލުވެ ކައިރީގައި އުޅެފައިވާ އެންމެންވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެހެންވެ މި ބަލި އާމުންގެ ތެރޭގައި ފެތުރިގެން ދިއުމުގެ ފުރުސަތު ނެތް ކަމަށްވެސް ލަންކާ ސަރުކާރުން ބުނެފައިވެ އެވެ.