ރައީސް އަބްދުﷲ ޔާމީން

"އިންތިހާބުގެ ބޭނުމަކީ އިންޑިއާ ބަލިކުރުން"

ޕީޕީއެމް އިން މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގެ މައިގަނޑު މަގުސަދަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުކޮށް އިންޑިއާ ބަލިކުރުން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މާލެ އާއި ބައެއް ރަށްރަށުގައި މިއަދު ހެނދުނުން 10: ފެށިގެން ދަނީ ކުރިއަށެވެ. އިންތިހާބު ނިންމާލުމަށް ހަމަޖައްސާފައިވަނީ ހަވީރުބ 4:00 ޖަހާއިރު އެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާ ސަރަހަައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ހޯދައި ކެންޑިޑޭޓުން ހަވާލުވަނީ ވަރަށް މުހިއްމު މަސްއޫލިއްޔަތަކާ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިންޑިއާ ބަލިކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

"މި ކަމަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވާ،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ އިންތިޒާމުތަކާއި ވޯޓުލާން ނިކުން މީހުންގެ އަދަދާ މެދު ޔާމީން ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ. އަދި ވިދާޅުވީ އިންތިހާބަށް ޕާޓީގެ އާންމު މެންބަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށާއި އިންތިހާބު ކުރިއަށް ދަނީ ޑިމޮކްރެޓިކް އުސޫލުން ކަމަށެވެ.

ރައީސް ޔާމީން ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބުވާ ކެންޑިޑޭޓުންވެސް ޕީޕީއެމްގެ ފިކުރުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އެމަނިކުފާނު ވެސް ވަކި ބަޔަކަށް ކެމްޕޭން ކޮށްދެއްވި ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ރައީސް ޔާމީން މިއަދު ދޮގުކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވަނީ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭ ގޮތަށް ކަމަށެވެ.