ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކަމަށް ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޓީމް ފެނަކަ އިން ހޯދައިފި އެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި މިރޭ ކުޅުނު ފައިނަލްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ވާދަކޮށް ފެނަކަ މޮޅުވީ 2-1 އިންނެވެ.
މިރޭގެ މެޗު ފެނަކަ އިން ފެށީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އަޔާޒް އަހުމަދު (އަޔާ) ބެންޗުގައި ބައިންދައިގެންނެވެ. މެޗު ފަށައިގެން އެމްޕީއެލް އިން ވަނީ މޮޅަށް ކުޅެ ފެނަކަ އަށް ޕްރެޝަރުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އެމްޕީއެލްގެ އަލީ ޝަމާލް އަބްދުﷲ އެވެ. އޭރިޔާ ބޭރުން ޝަމާލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ފުރަތަމަ ހާފުގައި އެމްޕީއެލް އިން ހަ ފައުލް ހަމަކުރުމުން ދުރު ދެ ޕެނަލްޓީ ފެނަކަ އަށް ލިބުނެވެ. އެކަމަކު އަޔާ ފޮނުވާލި ދެ ޕެނަލްޓީ ވެސް ގޯލާ އަމާޒެއްނުވި އެވެ.
ދެވަނަ ހާފު ފެނަކަ އިން ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް މުހައްމަދު އައްޒާމް ޖަހައިދިން ގޯލުން ފެނަކަ އިން ނަތީޖާ ހަމަހަމަކުރި އެވެ. ފެނަކަ މޮޅުވި ގޯލު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އެވެ. ގޯލު އޭރިޔާތެރޭ ހުރެ އޮންލީ ފަޔަށް ހުސްކޮށް އެރި ބޯޅަ ފަސޭހަކަމާ އެކު ވަނީ ގޯލަށް ވައްދާލާފަ އެވެ. މި ގޯލަށް ފަހު ދަނޑުގައި ތިބި ފެނަކަ ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ކްލަބް މޯލްޑިވްސްގެ ތާރީހުގައި މީގެ ކުރިން ދެ ސެމީ ފައިނަލުގައި ކުޅެ ފެނަކަ ވަނީ ބަލިވެފަ އެވެ. ފުރަތަމަ ފައިނަލުގައި އެޓީމުން ޗެމްޕިއަންކަން ހޯދީ އެވެ. އެމްޕީއެލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފަ އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 2006، 2012 އަދި 2013 ވަނަ އަހަރު އެވެ. އޭގެފަހުން އެމްޕީއެލް ބަލިވި މިއީ ތިންވަނަ ފައިނަލެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޔާ އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ނާއިޒް ހަސަން (ދާދު) އެވެ. 13 ގޯލާ އެކު މުބާރާތުގެ ރަން ބޫޓު ހާސިލްކުރީ ފެނަކަ ޓީމުގެ އޮންލީ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ސެމީގައި ބަލިވި ކްލަބް ވެމްކޯ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި އަބްދުﷲ ނަސީރު (އަބޯ) އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) ވެސް ހޯދީ އަބޯގެ ކޯޗުކަމުގަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފެނަކަ ޓީމުގެ އަޔާ އާއި އޮންލީގެ އިތުރުން އެމްޕީއެލްގެ ސާދު ނިޒާރު އާއި އެޓީމުގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) އަދި އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.