ހަބަރު

ހޯމް މިނިސްޓްރީ ހިންގުން އަދީބާ ހަވާލު ކުރައްވައިފި

Jan 22, 2015

ހޯމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ މިއަދު ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ހޯމް މިނިސްޓްރީ ހިންގުން އަދީބާ ހަވާލު ކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖެއިން ބޭރަށް ފުރައި ވަޑައިގެންފައިވާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރު އުމަރު ފުރައި ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި އުމަރު ޗައިނާ އަށް ވަޑައިގަންނަވާނެ އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އޭނާގެ މާސްޓާސް ޑިގްރީގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ބައިވެރިވުމަށެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އެ މިނިސްޓްރީ ހިންގުން ވެސް އަދީބާ ހަވާލު ކުރެއްވި އެވެ.

މިނިސްޓަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ނުވަތަ ޗުއްޓީ ނެންގެވުމުން އެ މިނިސްޓްރީތައް ހިންގުން އެ މިނިސްޓަރުންނާ ހަވާލު ކުރުމަކީ އާންމު އުސޫލުން ކުރަމުންދާ ކަމެކެވެ.