ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދިގު އަންހެނާގެ ފުރަތަމަ ފްލައިޓް ތަޖުރިބާ

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާގެ ރެކޯޑް މިހާރު އޮތީ ތުރުކީގެ ރުމޭސާ ގެލްގީ އަށެވެ. ރުމޭސާގެ އިސްކޮޅުގައި ހަތް ފޫޓު އެއް އިންޗި ހުރެ އެވެ. އެހެންވީމާ މަތިންދާބޯޓުގައި ދަތުރުކުރަން އޭނާއަކަށް މާ ފަސޭހައެއް ނުވި އެވެ. މަތިންދާބޯޓުގެ ފުރާޅު ތިރިވެފައި އޭނާ ދިގުކަމުންނެވެ.

ރުމޭސާގެ ފުރަތަމަ މަތިންދާބޯޓު ދަތުރު ކޮށްފައިވަނީ ޓާކިޝް އެއާލައިންގެ ފްލައިޓެއްގަ އެވެ.

ރުމޭސާ ބޯޓަށް އެރުވުމަށްޓަކައި އޭނާ ދަތުރުކުރި ބޯޓުގެ ހަ ސީޓު ޓާކިޝް އެއާލައިނުން ހުސްކުރި އެވެ.

ރުމޭސާ ފުރަތަމަ ފަހަރަށް މަތިންދާބޯޓުގައި ދަތުރުކޮށްފައިވަނީ ތުރުކީގެ އިސްތަންބޫލް އިން އެމެރިކާގެ ސެން ފްރެންސިސްކޯ އަށެވެ. މިއީ 13 ގަޑިއިރުގެ ދަތުރެކެވެ.

މި ދަތުރުގެ ވާހަކަ އޭނާ ވަނީ އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި މިއީ ދިގު ދަތުރަކަށް ވެސް ދަތުރުގެ ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކޮށެވެ. އަދި ދަތުރުގައި އޭނާއަށް ޓާކިޝް އެއާލައިނުން ކަންކަން ކޮށްދިން ގޮތާ މެދު އޭނާ ވަރަށް ހިތްހަމަ ޖެހެ އެވެ.

"މިއީ އަހަރެންގެ ފުރަތަމަ ދަތުރު ނަމަވެސް ހަމަގައިމުވެސް އެންމެ ފަހު ދަތުރެއް ނޫން. މި ދަތުރަށް މަގުފަހިކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރަން،" ރުމޭސާގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައި ވެއެވެ.

މި ދަތުރުގެ ބައެއް ފޮޓޯވެސް ރުމޭސާ ވަނީ ޝެއާ ކޮށްފަ އެވެ. ރުމޭސާ އަށްޓަކައި ޓާކިޝް އެއާލައިންގެ މި ބޯޓުގެ އިކޮނޮމީ ކްލާހުގެ ހަ ސީޓެއް ނަގައި އެ ތަނުގައި ސްޓްރެޗަރެއް ބެހެއްޓުމަށްފަހު އޭގައި ރުމޭސާ އޮށޯވެ އޮއްވާ މި ފޮޓޯތަކުން ފެނެ އެވެ.

ސްޓްރެޗަރުގައި އޭނާ އޮށޯވެލައިގެން ހެވިފައި އޮތްއިރު ކައިރީގައި ކެބިން ކުރޫއަކު ވަރަށް ހެވިފައި ހުއްޓާ ނަގާފައި ހުރި ފޮޓޯއެއް ވެސް ރުމޭސާ ޝެއާކުރި ފޮޓޯތަކުގެ ތެރޭގައި ހިމެނެ އެވެ.

ރުމޭސާ އަކީ ވީވާ ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މިއީ މަދުން ނޫނީ ނުފެންނަ އާއިލީ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ކަށިތައް އާދަޔާޚިލާފަށް ބާރަށް އުފެދި ދިގުވެ އެވެ. އެހެންވެ ވަރަށް ކުޑައިރުއްސުރެ އޭނާ ހުންނަނީ އެ އުމުރުގެ އެހެން ކުދިންނަށް ވަރަށް މާ ދިގު ކޮށެވެ.

ޓެކްނޮލޮޖީ ސޮފްޓްވެއާ އިންޑަސްޓްރީގައި މަސައްކަތްކުރާ ރުމޭސާ ބުނި ގޮތުގައި އޭނާ އެމެރިކާއަށް ކުރާ މި ދަތުރުގައި ހަ މަހެއްހާ ދުވަހު އެ ގައުމުގައި މަޑުކުރާނެ އެވެ. އެއީ އޭނާގެ ކެރިއަރަށް ކުރިއެރުން ހޯދަން އިތުރު މަސައްކަތްތަކެއް ދަސްކުރުމަށާއި ގިނިސް ވޯލްޑް ރެކޯޑްސް އާ ގުޅިގެން ކުރަންޖެހޭ ކަންތައް ތަކެއް ކުރުމަށެވެ.

މިހާތަނަށް ވަރަށް ގިނަ ގިނިސް ބުކްސް ރެކޯޑްސް ރުމޭސާ އަށް އެބައޮތެވެ. މީގެތެރޭގައި އެންމެ ދިގު އިނިގިލިތަކެއް ހުރި ދިރިހުރި މީހާގެ ރެކޯޑް، އެންމެ ދިގު އަގެއް ހުރި މީހާގެ ރެކޯޑް، އެންމެ ބުރަކަށި ދިގު މީހާގެ ރެކޯޑް ހިމެނެ އެވެ.