ދިރާގު

ދިރާގުގެ ސާފު ފައިދާ 202 މިލިއަން ރުފިޔާ

ދިރާގަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 202 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނުގައިވާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި 627 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީއަށްވުރެ އިތުރުވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނީ 618 މިލިއަން ރުފިޔާ އެވެ.

މާލީ ބަޔާނުގައިވާ ގޮތުން އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން 316.8 މިލިއަން ރުފިޔާ ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒްއިން 291.3 މިލިއަން ރުފިޔާ ލިބުނެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަޓެލްކޯ އެވެ. ދިރާގުގައި ބަޓެލްކޯގެ 52 އިންސައްތަ ހިއްސާ އޮވެ އެވެ. ދިރާގުގައި ދިވެހި ސަރުކާރުގެ 41.8 އިންސައްތަ އަދި އާންމުންގެ 6.2 އިންސައްތަ ހިއްސާ އޮވެ އެވެ.