ރ. އަލިފުށީގައި ތަރައްގީ ކުރާ އެއާޕޯޓަށް ބޭނުންވާ އަލިފާން ނިއްވާ އިމާރާތް -- ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މި އިމާރާތުގެ މަސައްކަތް ފަށާފައި މިވަނީ އަލިފުށީގައި އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން ދަނިކޮށް ހިއްކި ބިމުން ބައެއްގަ އެވެ.
ފަޔާ ބިލްޑިންގެ ކޮންކުރީޓް މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތާ އެކު ފަޔަ ޕޮންޑް -- އަލިފާން ނިއްވުމަށް ކުރިޔާލާ ތައްޔާރު ކޮށްފައިވާ ފެންގަނޑު ހެދުމުގެ މަސައްކަތާއި ބާ ބެންޑިންގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.
އަލިފުށި އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާޕޯޓެއްގެ ގޮތުގަ އެވެ. މި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭ އަކާއި، ޓެކްސީވޭއަކާއި، ޓާމިނަލް އިމާރާތަކާއި، ސެކިއުރިޓީ ފެންސާއި، ފަޔާ ސްޓޭޝަނަކާއި އަދި ސާވިސް ރޯޑެއް ހެދުމަށް ހަމަޖެހިފައިވެ އެެވެ.
އަލިފުށި އެއާޕޯޓް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 452 މިލިއަން ރުފިޔާ އެވެ.
އަލިފުށި އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު އެއާޕޯޓްގެ ބޭނުމަށް 40.5 ހެކްޓަރުގެ ބިން އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.
އަލިފުށީގެ އިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައިވެސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.