ޖޭއެސްސީ

މެޖިސްޓްރޭޓް ނިހާނަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްފަހު، ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ނިހާންއަށް ކުރާ ތުހުމަތަކީ ފުލުހުންގެ ބަޔަކާއި އެކު މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރި އާއްމުންގެ މީހަކަށް އެ އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު ހޯދައިދިންކަމުގެ ތުހުމަތެވެ. އަދި ތަހުގީގަށްފަހު މިކަން ވަނީ ސާބިތުވެފަ އެވެ.

ނިހާންގެ މި އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށް ވާތީ ނިހާންއަށް ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އޭނާ އަށް އެންގުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފަ އެެވެ.

ގާޒީ ނިހާންގެ މައްޗަށް ކުރީގެ ސަރުކާރުގައި ޓެރަރިޒަމްގެ ދައުވާއެއް އުފުލައި، އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އޭނާ 17 އަހަރަށް ޖަލަށްލުމަށް ކުރިން ހުކުމްކޮށްފި އެވެ. ނަމަވެސް އެއީ ސައްހަ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.