މާލޭ ސިޓީ ކައުންސިލް

ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަނީ

މާލެސިޓީ ކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދިނުމަށް މިއަދު އަލުން ހުޅުވާލައިފި އެވެ.

ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ދެކުނުން ވިލިމާލެ ލޯކަލް މާރުކޭޓް ގޮތުގައި ތަރައްގީކުރާ ތަނުން ކުއްޔަށް ދޫކުރުމަށް ހަަމަޖައްސާފައިވަނީ 20 ގޮޅި އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މިގޮޅިތަކުގެ ކުއްޔަކީ މަހަކު 1،050 ރުފިޔާ އެވެ.

މިގޮޅި ކުއްޔަށް ނަގާ ފަރާތްތަކުން އެތަން ފަރުމާ ކުރަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ނިންމާ ގޮތަކަށެވެ.

ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ އުމުރުން 18 އަހަރުން މަތީގެ މާލެސިޓީގައި ދިރިއުޅޭ، ދިވެހި ރަށްވެހީންނަށެވެ. ގޮޅިތަކަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުމާއި މާލޭ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއްގެ ހިންގާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ.

މީގެ އިތުރުން އެކަކު އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއަށްވުރެ ގިނަ ގޮޅީގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރެއްޖެ ނަމަ ފޯމު ބަލައިނުގަންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ދިން އެއްވެސް ހިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި މީހުންގެ ފޯމުވެސް ބަލައިނުގަތުމަށް ވަނީ ނިންމާފަ އެވެ.

މި ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ވިލިމާލޭގައި މީގެ ކުރިން މާރުކޭޓެއްގެ ގޮތުގައި ރަސްމީކޮށް ތަނެއް ހިންގާފައެއް ނުވެ އެވެ. އެއީ ވިލިމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.