ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާރުކޭޓްތައް ހަވީރު 4:00ގެ ފަހުން ބަންދުވާނެ

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާރުކޭޓްތަކުން މާދަމާއިން ފެށިގެން ހަވީރު ހަތަރެއްގެ ފަހުން ވިޔަފާރި ނުކުރެވޭނެ ކަމަށް މާލެ ސިތީކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ހެލްތުޕުރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ނެރެފައިވާ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތާ ގުޅިގެން މާލެސިޓީގައި ހިންގަމުން އަންނަ މާރުކެޓްތަކުން ހިދުމަތް ދެމުން އަންނަ ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މި ބަދަލުތައް ގެންނަން ނިންމާފައިވާއިރު އެޗްޕީއޭ އިން ވަނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން ނިންމާފަ އެވެ. މިހާރު ވެސް ގިނަ ފިހާރަތައް އެ ވަގުތަށް ބަންދު ކުރި ނަމަވެސް މާލެ ސަރަހައްދުގައި ބައެއް ފިހާރަތަކުން އެ ވަގުތުތަކުގައި ވެސް ހިދުމަތް ދެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ އެ ތިން ރަށުގައި ހިންގާ ކެފޭ އާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިހާރު ވެސް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި މީހުން ތިބުން އޮތީ މަނާކޮށްފަ އެވެ.

މާރުކޭޓް ތަކުން ހިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލަކީ:

  • މާލޭ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • މާލޭ ދަތުރުވެރިންގެ މާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • މާލޭ މަސްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • ވިލިމާލެ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.

މާރުކޭޓު ގޮޅިތައް ހިންގާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރާ ފަރާތްތަކުން މި ގަޑިތަކާ އެއްގޮތަށް އަމަލު ކުރުމަށް ސިޓީކައުންސިލުން ވަނީ އަންގާފަ އެެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މިހާރު ވެސް މާލެ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތަކާއި ސިނަމާތަކާއި ޕާކްތަކާއި މައިޒާންތައް ބަންދުކޮށްފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 18 މީހެކެވެ. އޭގެ ތެރޭގައި ހިމެނޭ ތިން ދިވެހިންނާއި ބޭރަށް ފުރައިގެން ދިޔަ އިޓަލީ ދެ ޓޫރިސްޓުން ފިޔަވައި ދެން ތިބި މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލިން ރަނގަޅުވި މީހުނަކީ ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.