ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑެލިވަރީ މައްސަލަތައް މިރޭ ހައްލުވާނެ

ލޮކްޑައުންގެ ތެރޭގައި ތަކެތި ޑެލިވަރީކޮށްދޭ ކަަންމަތީ ފިހާރަތައް ފަދަ ތަންތަނަށް ފާސް ދިނުމުގެ މަސައްކަތް މިރޭ ނިމޭނެ ކަމަށާއި އެހާ ހިސާބުން އެ މައްސަލަ ހައްލުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ދިމާވި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މުއައްސަސާތަކާއެކު ބައްދަލުކޮށްފައިވާ ކަމަށާއި އެ ކަންކަން އަވަސް ކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެހީތެރިކަމަށް ބޭނުންވާ ފޯންކޯލުތަކަށް ދީފައިވާ ނަމްބަރު މަދުވުމާއެކު މިއަދުގެ މަޝްވަރާގެ ފަހުން އިތުރު ސަރަހައްދުތަކަށް ބަހާލައިގެން ނަމްބަރުތަކެއް ހަމަޖައްސަވަން ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެއީ ގްރޭޓާ މާލެ އޭރިއާގެ އެހެން ރަށްތަކުގެ ކޯލްތައް ވެސް ލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ޑިލިވަރީ ސާވިސްތަކާއި ކަންމަތީ ފިހާރަތަކަށް ފާސް ދިނުމުގައި ވެސް މައްސަލަތަކެއް ދިމާވި ކަމަށެވެ. އެ ދެ މައްސަލަ ހައްލު ކުރުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ވެސް ހުޅުވާލާފައިވާ ކަމަށާއި މިރޭ 8:00 އާ ހަމަޔަށް ފުލުހުން ކަންމަތި ފިހާރަތަކަށް ހުއްދަ ދިނުމުގައި ހަރަކާތްތެރިވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

ހިދުމަތް ހޯދަން ގުޅާ ނަމްބަރުތައް

  • ސޯޝަލް ސެންޓާ ނަމްބަރު - 9300904
  • ސަލްޓަން ޕާކް ނަމްބަރު - 9300909
  • އެމްއެންޔޫ ބިސްނަސް ސްކޫލު ނަމްބަރު - 9300910
  • ސިޓީ ކައުންސިލް - 9300916
  • ވިލިމާލެ - 9300917
  • ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން - 9300918
  • ތިލަފުށި - 9300924

"މާކުރީގަ އަޅުގަނޑުމެން އައި މިކަމަށް ތައްޔާރުވަމުން އެހެންވެ އެ ސާވޭގަ ޑެލިވާ ކޮށްދޭނެ ކަމަށް ވިދާޅުވި ފަރާތްތަކާއި މިހާރު ވެސް ރަޖިސްޓާ ކުރަމުންދާ ފިހާރަތަކަށް ވެސް އަޅުގަނޑުމެން ފިހާރަ ހުޅުވުމުގެ ފާސް ހަވާލު ކުރާނަން. އެ ފާސް ބަލާ ވަޑައިގަންނަވަން ޖެހޭނީ ފުލުހުންގެ ޓޯޔާޑްއަށް،" ޝިފާ ވިދާޅުވި އެވެ.

އޭގެ އިތުރުން ލޮކްޑައުން ކުރި އިރު ވިލިނގިލީގައި ނާދެވިފައި ތިބި އާއިލާތަކަށް ވެސް ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެގޮތުން ވަރަށް އަވަހަށް ފެރީގެ ތާވަލާ އެއްގޮތަށް އެކަން ފެށުމާއެކު ފާސް އޮންނަ ފަރާތްތަކަށް އެއްވެސް ދަތިތަކެއް ނެތި އާދެވޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

"ފެރީ ސާވިސްތައް މި އޮންނަނީ ހެލްތުގެ ބޭފުޅުން ދަތުރުތައް ކުރައްވަން ޖެހިވަޑައިގަންނަވާނެތީއާ އަދި ހަމަ އެހެންމެ ކޮންމެހެން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދޭން ޖެހޭ ފަރާތްތަކުގަ ފާސްތަކެއް ހުންނާނެ މިސާލަކަށް ވެމްކޯގެ ނުވަތަ އައިޖީއެމްއެޗް ފާސްތަކެއް ދީފަ ހުންނާނެ. އެ ފަރާތްތަކަށް ދަތުރުތަކެއް ހަމަޖެހިފައިވޭ،" ޝިފާ ވިދާޅުވި އެވެ.