ނީލަން ފިހާރަތައް ހިންގަމުން ދިޔަ މާލޭގެ ފަޅުމަތީމަގު ސާފުކޮށް އެ މަގުގެ ޓްރެފިކަށް މާލެ ސިޓީ ކައުންސިލުން ބަދަލުތަކެއް ގެނެސްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފަޅުމަތީމަގު ޒަމާނުއްސުރެ އޮތީ ތަރުތީބު ގެއްލި ވަކި ހަމައެއް ނެތި ނީލަން މުދާ ބަހައްޓައިގެން ބޭނުން ކުރަމުންދާާ ގޮތަކަށް ކަމަށެވެ. އެ ގޮތުން މަގުމަތީގައި މުދާތައް ވެސް ބަހައްޓާފައި އޮންނާތީ ދުއްވާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ މީޙުނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެހެންކަމުން އެ މަގުގައި ހުރި މުދާތައް ނަގައި އެ މަގު ވަނީ ސާފުކޮށްފަ އެވެ. އަދި އެއްވެސް މަގެއްގައި އަދި ބިމެއްގައި މުދަލެއް ބަހައްޓަައި ބޭނުން ކުރަން ވާނީ ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން އެ މަގުގެ ބައެއްގައި އެއްކޮޅަށް އެކަނި ނުވަތަ ވަންވޭއަށް ދުއްވާ ގޮތަށް މަގުގެ ޓްރެފިކަށް ވެސް ސިޓީ ކައުންސިލުން ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ އެ މަގުގެ ރެހެންދި ހިންގުން މަގު ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް ހުޅަނގުން އިރށް ދުއްވާ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.