ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހިދާނެ މަސައްކަތްތައް ފަސޭހަ ކުރުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި މާލެ ސިޓީގެ ތިން ރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީގެ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ޓަކައި އެ ކައުންސިލްގެ މުވައްޒަފުންނާއި ވޮލިންޓިއަރުން ބައިވެރި ވެގެން ކުރަމުންދާ މަސައްކަތުގައި އެ ތިން ރަށުގައި އުޅޭ ބިދޭސީންގެ ތަންތަން ބަލައި އެތަންތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ މައުލޫމާތު ވެސް އެއް ކޮށްފައިވާ ކަމަށެވެ.
މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއްގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ވިލިމާލޭގެ 51 ތަނެއް ބަލައި މައުލޫމާތު އެއް ކުރި އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރަނީ ރޯގާގެ ހާލަތުގައި ބިދޭސީންނަށް ދިމާވެދާނެ ކަމަކަށް ޓަކައި އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަސޭހަ ކުރުމެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަންތަނުން އެހެން ތަނަކަށް ބިދޭސީން ބަދަލު ކުރުމަށް މަސައްކަތް ކުރާނެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވެ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދެއެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުނެވެ.