ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު މުޅި ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތެއްގައި ޑެލިވަރީ ކޮށްދޭން 362 ފިހާރައަކުން އެއްބަސްވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރަން ޖެހޭ ހާލަތެއްގައި މާލޭގެ 269 ފިހާރައަކުން ތަންތަނަކަށް މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ވިލިމާލޭގެ 20 ފިހާރައަކުން ވެސް ޑެލިވަރީގެ ހިދުމަތް ދޭން އެއްބަސްވެފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ވެސް ސާވޭ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 73 ފިހާރަކުން މުދާ ޑެލިވަރީ ކޮށްދޭން އެއްބަސްވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މުދާ ޑެލިވަރީ ކޮށްދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން 282 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއީ މާލޭގެ 202 ފިހާރައަކާއި ވިލިމާލޭގެ 17 ފިހާރައަކާއި ހުޅުމާލޭގެ 73 ފިހާރައެކެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ވެސް ކޮންމެ ދުވަހެއްގެ ތިން ގަޑިއިރު މާލެ ސަރަހައްދުގައި ކާފިއު ހިންގަ އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގާ ވަގުތު ބޭރުގައި އުޅޭ މީހުނަށް ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.