ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށާ އެ ގައުމުތަކުން ފުރިހަމައަށް އެކަން ގަބޫލުކޮށް އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެެ.
ނައިބް ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހެނީ މިމައްސަލައިގައި އެންމެ ކުޑަ ހިއްސާއެއް އޮތް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަމުގައިވާތީ މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަރާފައިވާ ގައުމުތަކުން ކުދި ޖަޖީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްށްދިނުމަށް ވެސް ގޮވާލައްވާފަ އެވެ.
ފައިސަލް ނަސީމު މިކަމަށް ގޮވާލެއްވީ މިސްރުގެ ޝަރްމުއްޝައިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ އދގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން މިސްރު ސަރުކާރުން އިންތިޒާމު ކޮށްގެން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޯ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ މަންދޫބުންނާއި މުހާތަބުކުރައްވައި ނައިބް ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް- 19 ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމަ ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ.
"އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ހަކަތައިގެ ދަތިކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ލޯނުގެ ގޮތުގައި އިތުރު ދަރަނިތަކެއް ނަގަންޖެހުން ފަދަ އިގްތިސާދީ ގޮތުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ބޮޑު،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާއިރު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ ކަންކަމާއި މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާ ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ހަމަހަމަ ކަމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ހަރަދުތަކަށް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ހަރަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިއަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބް ރައީސް ވަނީ ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ގައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ، އެ ބޭނުންވާ ވަގުތުގައި ބޭނުންވާ މިންވަރަށް ލިބުމުގައި ކުރިމަތިވާ ދަތިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ހަރަދުކުރުމަށް އެހީދޭ ގައުމުތަކުން ދޫކުރާ ފައިސާ ހޯދުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ.
ފައިސަލް ވިދާޅުވީ ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޔޫއެން ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެން އެފްސީސީސީ)ގެ ބޭރުންވެސް ހިތްވަރަކާއެކު މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ހުރިހާ މާލީ އިދާރާތަކުންވެސް ޕެރިސް އެގްރީމެންޓާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރުގައިވާ ގައުމުތަކަށް މިކަންކަމުން އަރައިގަތުމުގައި މާލީގޮތުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ފައިސާ ހޯދިދާނެ ބައެއް ގޮތްތަކުގެ ހުށަހެޅުންތަކެއް ވެސް ފައިސަލް ހިއްސާކުރެއްވި އެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އިތުރުވެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"މިފަދަ ކާރިސާއަކަށް ހައްލެއް ގެނެވޭނީ އެންމެން އަނެކާއާ މެދު ވިސްނައި، އެ ބައެއްގެ ޒިންމާ އަދާކޮށްގެން،" ނައިބް ރައީސް ވިދާޅުވި އެވެ.