މިސްރު

މިސްރުން އިތުރު ސްކޮލާޝިޕާއި މުދައްރިސުން ދެނީ

Nov 9, 2022

ދިވެހިރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ހޯދައިދީ އިތުރު މުދައްރިސުން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރު ޝައިޚް އަހްމަދު އަލްތޮއްޔިބް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމާ މިއަދު މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގަ އެެވެ. ނައިބް ރައީސް މިސްރަށް ވަޑައިގަތީ ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ މިސްރާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގު ދިވެހިރާއްޖެއިން އަބަދުވެސް ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ އިސްލާމީ، ސަގާފީ އަދި ތާރީހީ ގުޅުން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަތީ ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި އިމާމުން ތަމްރީނު ކުރުމާއި ހަރުކަށި ފިކުރާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ތަފާތު މައުލޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި މިސްރުގެ އެހީގައި އަރަބި ބަހުގެ ތަމްރީނުދޭ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރުމާ ގުޅޭގޮތުން ވެސް ނައިބް ރައީސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ އަލްއަޒްހަރު ޔުނިވަސިޓީ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި އިސްދައުރެއް އަދާކުރަމުންދާ ޔުނިވަސިޓީއެއް ކަމަށާއި، 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްކޮލާޝިޕްތަކެއް އަޒްހަރުން ދޭ ކަން ވެސް ފާހަގަކުރައްވާފަ އެވެ.

މިސްރާ އެކު ބައިނަލްއަގްވާމީ ގޮތުންނާއި ދޭދޭގޮތުން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން އުއްމީދުކުރައްވާ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވެފައިވެ އެވެ. މިބައްދަލުކުރެއްވުމުގައި އިމާމު ވަނީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ނައިބް ރައީސް ދެއްވެވި ދައުވަތުވެސް ގަބޫލުކުރައްވާފަ އެވެ.