ފައިސަލް ނަސީމް

ނައިބް ރައީސްއާއި ނަޝީދު ކޮޕް ސަމިޓަށް

Nov 4, 2022
2

ކުލައިމެޓް ޗޭންޖް ކޮންފަރެންސް -- ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫެރިއްޔާގެ ނައިބް ފައިސަލް ނަސީމު މިސްރަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ނައިބް ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިސްރުގެ ޝަރްމުއްޝައިހުގައި ކޮޕް ސަމިޓް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ ކޮންފަރެންސްގައި ނައިބް ރައީސް ގައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮޕް ސަމިޓްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގަ އެވެ.

ކޮޕް 27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖުތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާ ބެހޭގޮތުން ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ.

ދިވެހިރާއްޖެއިން ވަނީ 2030އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒު ހިފައި އެކަން އިޢުލާނުކޮށްފަ އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާ ގޮތެއްގައި މާލީ ކަންކަން ފަހިކުރުން ފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓްގައި ދުނިޔޭގެ އެތައް ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، އާންމު ފަރާތްތަކުން ބައިވެރިވެ އެވެ.