ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ދުޅަހެޔޮކަން

Nov 8, 2022

އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެ ހިދުމަތުގެ އެންމެބޮޑު ބޭނުމަކީ ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ސޯލިހް ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020 އިން 2021އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސާވޭ"ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެ ދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި މީގެތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރު ވަނީ އެފަދަ ބަލިތަކުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުގެ މައްޗަށްވެސް ވާހަކަދައްކަވާފަ އެވެ.

"މިހަރަކާތުންވެސް ދޭން ބޭނުންވި މެސެޖަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާންޖެހޭ. ފައިދާހުރި ކާނާ ބޭނުން ކުރަންޖެހޭ. ހެލިފެލިވެ އުޅުމުގެ މުހިއްމު،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. މިގޮތުން ރައްޔިތުންގެ އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް، ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު އެއް ކަމަކީ، "ޕްރައިމަރީ ހެލްތް ކެއާ" އަލުން އާލާ ކުރުން ކަމުގައި ވިދާޅުވި އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާ، އެފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި ފަރުވާ އަދި އަޅާލުން މިހާރަށް ވުރެ ފުރިހަމައަށް ލިބިދިނުން ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކުން މިހާރު އެ ހިދުމަތް ދެމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގާއިރު އެމަޝްރޫއުތަކުގެ ތެރެއިން، އައުޓްޑޯ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަށްރަށުގައި ގާއިމުކުރަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ. އަދި ސާވިކަލް ކެންސަރުން އަންހެން ކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިންވެސް ނެޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، އެ ވެކްސިން މިހާރު މުޅި ރާއްޖޭގައި ދެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ތަންފީޒުކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބެން ފަށާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި މިއެކްޝަން ޕްލޭން ތަންފީޒްކުރުމުގައި ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.