ސިއްހަތު

އުމުރުން އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަނގު އުމުރަކީ އަށް އަހަރު ކަމުގައި ސާވޭއަކުން ދައްކައިފި އެވެ.

އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯ ގުޅިގެން 2020 އިން 2021 އަށް ހަދާފައިވާ "ސްޓްޕްސް ސާވޭ" އިން ދެއްކި ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެއީ އާބާދީގެ 25.7 އިންސައްތަ އެވެ. މީގެތެރެއިން 7.6 އިންސައްތަ މީހުންނަކީ އަންހެނުން އަދި 35.6 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ.

މި ދިރާސާ ކުރެވުނީ އުމުރުން 15 އަހަރާއި 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންގެ މެދުގަ އެވެ.

ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ސާވޭގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފަރާތުންނާއި ހެލްތު ވޯކަރުން ބައިވެރިވެގެންނެވެ.

ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ބަލިތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން ގައިންގަޔަށް ނާރާ އެހެން ބަލިތައް ކަމުގައިވާ ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް، ފުއްޕާމާގެ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި، ނަފްސާނީ ބަލިތައް ފަދަ ބަަލިތަކަށް ހުށަހެޅެން ދިމާވާ ސަބަބު ތަކުގެ ތެރޭގައި ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުމާއި، ވައިގެ ނުސާފުކަމާއި އަދި މިނޫންވެސް ސިއްހަތަށް ގެއްލުންވާ އާދަތައް ހިމެނެ އެވެ.

ދިރާސާއިން ދައްކާ މައިގަނޑު މައްސަލަތައް

  • އާބާދީގެ 80 ޕަސަންޓް މީހުން (ކޮންމެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން) ދުފަ އެވެ. މީގެ ތެރެއިން ކޮންމެ ދެ މީހަކުން އެކަކު -- 56.2 ޕަސަންޓް މީހުންނަކީ ކޮންމެ ދުވަހަކު ދުފާ މީހުންނެވެ.
  • އާބާދީގެ ފަސް ޕަސަންޓް މީހުން (ގާތްގަނޑަކަށް 5،900 މީހުން) ބަނގުރާ ބޭނުންކުރެ އެވެ. މީގެ ތެރެއިން ކޮންމެ ހަަތަރު މީހަކުން އެކަކު އެއީ ކޮންމެ ދުވަހަކު ބަނގުރާ ބޭނުންކުރާ މީހުންނެވެ.
  • އާބާދީގެ 26.5 ޕަސަންޓް މީހުން (ގާތްގަނޑަކަށް 47،500 މީހުން) މަސްތުވާތަކެތި ބޭނުންކުރެ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 1.9 ޕަސަންޓް މީހުން ކޮންމެ ދުވަހަކު މިތަކެތި ބޭނުންކުރެ އެވެ.
  • އާބާދީގެ ކޮންމެ ފަސް މީހަކުން ދެ މީހުން، ލޮނު ހިމެނޭ ސޯސް، ކެއުމުގައި ބޭނުން ކުރެ އެވެ. އަދި ކޮންމެ ފަސް މީހަކުން އެކަކު (20 ޕަސަންޓް މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅަ އެވެ.
  • އާބާދީގެ 54 ޕަސަންޓް މީހުން، ލޮނު ގިނައިން ހުންނަ ޕްރޮސެސްޑް ކާނާ ކައި އުޅެ އެވެ.
  • ދުވާލަކު 3-2 ސާވިން މޭވާ ކާން ޖެހޭއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން ހަ މީހަކު ކަނީ މޭވާގެ އެންމެ ސާވިން އެކެވެ.
  • ދުވާލަކު ކެއުމުގައި 5-2 ސާވިން ތަރުކާރީ ކާން ޖެހޭއިރު 85.2 ޕަސަންޓް މީހުން ކަނީ އެންމެ ސާވިން އެކެވެ.
  • އާބާދީގެ 65 ޕަަސަޓް މީހުން ކަސްރަތު ލިބޭ (މެދުމިނުގެ ކަސްރަތު) ކޮންމެވެސް ހަރަކާތެއްގައި ބައިވެރިވެ އެވެ.
  • އާބާދީގެ ދެ ބައިކުޅަ އެއް ބައި މީހުން (52.1 ޕަސަންޓް) ސިއްހީގޮތުން ބަލާއިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ މީހުންނެވެ. މީގެ ތެރެއިން 46.3 ޕަސަންޓް މީހުންނަކީ ފިރިހެނުންނެވެ. 58.8 ޕަސަންޓަކީ އަންހެނުންނެވެ. ފިރިހެނުންގެ 10 ޕަސަންޓް އަދި އަންހެނުންގެ 20 ޕަސަންޓް މީހުންނަކީ ސިއްހީ މިންގަނޑުން ބަލާއިރު އާދަޔާ ހިލާފަށް ބަރު ނުވަތަ ފަލަ މީހުންނެވެ.
  • ކޮންމެ 20 މީހަކުން އެކަކު (ގާތްގަނޑަކަށް 25،000 މީހުން) އަމިއްލަށް ނަފްސަށް ގެއްލުން ދިނުމަށް ވިސްނާފައިވެ އެވެ.
  • ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ތެރެއިން އަނިޔާއެއް ލިބިފައިވެ އެވެ. މީގެ ތެރެއިން ހަ ޕަސަންޓް އަނިޔާ ލިބެނީ ދެ ފުރޮޅުލީ އުޅަނދު ދުއްވާ މީހުންނަށެވެ.

ސިއްހަތަށް ގެއްލުން ހުރި ނުރަނގަޅު އާދަތައް ބަދަލުނުކޮށްފިނަމަ ދިވެހިންގެ ކުރިމަގު ބަނަކަމުގައި ވެސް މިދިރާސާ އިން ދައްކާފައިވެ އެވެ.

"ރާއްޖެ އަޑިއަށް ދިއުމުގެ ކުރިން ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ނުކުޅެދޭ ބަޔަކަށް ބަދަލުވެ ނެތިގެން ދިއުމުގެ ބިރު އެބަ އޮތް" މިކަމާ ގުޅިގެން އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވެ އެވެ.