އަހުމަދު މަހްލޫފު

މަހުލޫފްގެ ޝަރީއަތް އަންނަ މަހު 11 ގައި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގެ ޝަރީއަތް އަންނަ މަހު 11 ގައި ފަށަން ނިންމައިފިއެވެ.

މެންބަރު މަހުލޫފަށް މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް، މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. މަހުލޫފް ކްރިމިނަލް ކޯޓަށް ހާޒިރުވެފަިއވަނީ ހެނދުނު ނުވައެއް ޖެހިއިރުއެވެ. މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން މައްސަލާއާ ގުޅޭގޮތުން މަހުލޫފަށް ވަނީ މައުލޫމާތު ދީފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ. މަހުލޫފްގެ މައްޗަށް ދައުވާ އުފުލީ މި މަހުގެ 11 ވަނަ ދުވަހުއެެވެ. ދައުވާކުރަން ފޮނުވިއިރު މަހުލޫފް ހުންނެވީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ހައްޔަރުކޮށްފައެވެ. މަހުލޫފް ހައްޔަރުކުރީ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ސަރުކާރަށް ތާއިދުކޮށް، ސަރުކާރު ހިންގާ ޕާޓީގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގަތް މަހުލޫފް ވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ހުރިހާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އިިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި މުޒާހަރާ އާއި ޖޫން މަހު ބޭއްވި މުޒާހަރާ އިން ވެސް މެންބަރު މަހުލޫފް ހައްޔަރުކޮށްފައިވެއެވެ.