ސީރިޔާ

ސީރިޔާގެ ރައްގާއަށް ވައިގެ ހަމަލާތަކެއްދީ 42 މީހުން މަރާލައިފި

ސީރިޔާގެ ރައްޤާއަށް އަމާޒުކޮށްގެން ދިން ވައިގެ ހަމަލާތަކެއްގައި 42 މީހުން މަރާލައިފި އެވެ. އޭގެ ތެރެއިން އަށް މީހުންނަކީ ކުޑަކުދިންނެވެ.

ގާތްގަނޑަކަށް 300،000 މީހުންގެ އާބާދީއެއް އޮންނަ ރައްޤާ ޕްރޮވިންސަކީ ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން ބާރުގަދަކޮށްފައިވާ ސަރަހައްދެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާ އަމާޒުކޮށްފައިވަނީ ރައްޤާގައި އާއްމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދަކަށެވެ. އެ ހިސާބުގަނޑަކީ އައިއެސްގެ ހަނގުރާމަވެރިން ގޮސް ނޫޅޭ ސަރަހައްދެއް ކަމަށްވެއެވެ.

އަދި ރަޝިޔާއިން ގިނަ ހަމަލާ އަމާޒުކޮށްފައިވަނީ ރެސްޓޯރެންޓާއި ފިހާރަތައް ފަދަ އާއްމުން ގިނައިން ގޮސް އުޅޭ ތަންތަނަށް ކަމަށް ހަބަރު ލިބެ އެވެ. އެހެން ނަމަވެސް މީގެކުރިން ރަޝިޔާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މިހަމަލާގައި ދެ ހޮސްޕިޓަލެއް ހަލާކުވެފައިވާއިރު އެތައް ބަޔަކަށްވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ. ޒަހަމްވި މީހުންނަށް ކައިރީގައި އޮންނަ ސަބާބްގެ ހޮސްޕިޓަލަކުން ދަނީ ފަރުވާ ދެމުންނެވެ.