ސީރިޔާ

ރަޝިޔާ އާއި ތުރުކީ ގުޅިގެން ސީރިޔާއަށް ބޮން އަޅައިފި

ރަޝިޔާއާއި ތުރުކީ ގުޅިގެން ސީރިޔާގެ ރަށެއް ކަމަށްވާ އަލް ބާބް އަށް ބޮން އަޅައިފިއެވެ. ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އަލް ބާބަށް ބޮން އަޅަން އިއްޔެ ހިންގި ހަރަކާތަކީ ސީރިޔާގައި ރަޝިޔާ އާއި ތުރުކީ ގުޅިގެން ހިންގި އެފަދަ ފުރަތަމަ ހަރަކާތެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް އަލްބާބަށް ރަޝިޔާއާ ތުރުކީ ގުޅިގެން ދިން ހަމަލާތަކުގައި މަރުވީ އަދި ޒަހަމްވީ ކިތައް މީހުން ކަމެއް ދެ ގައުމުން ވެސް އަދި ނުބުނެއެވެ. ހަމައެކަނި ބުނެފައި ވަނީ އެއީ ކާމިޔާބު ހަމަލާތަކެއް ކަމަށެވެ.

ރަޝިޔާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ސަރްގެއި ރުޑްކޮއި އަލް ޖަޒީރާއަށް ބުނެފައި ވަނީ ހަމަލާތަކުގައި ރަޝިޔާގެ ނުވަ ޖެޓަކާއި ތުރުކީގެ އަށް ޖެޓް ބައިވެރިވި ކަމަށެވެ.

ސީރިޔާ ހަނގުރާމައިގައި ތުރުކީން ގެންގުޅޭ ސިޔާސަތު ބަދަލުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް މަދަދު ކުރުމަށް ރަޝިޔާއިން ދެމުން ދިޔަ ހަމަލާތަކަށް ތުރުކީން ކުރިން ދެކޮޅު ހެދިއެވެ. އެގޮތުން ތުރުކީގެ ކައިރިން ސީރިޔާގެ ވައިގެ ސަރަހައްދުން އުދުހުނު ރަޝިޔާގެ މަތިންދާބޯޓެއް ތުރުކީ ސިފައިން މިދިޔަ އަހަރު ވައްޓާލާފައި ވެއެވެ.

ސީރިޔާ ހަނގުރާމައިގައި ތުރުކީއާއި ރަޝާއާ ދެމެދު އޮތް ހިޔާލުތަފާތުވުން ނައްތައިލުމުގެ އެއްބަސްވުމެއްގައި ދެގައުމުން ވަނީ މިދިޔަ ހަފްތާގައި ސޮއިކޮށްފައެވެ.

އައިއެސްގެ ހަނގުރާމަވެރިން އަލް ބާބުން ބޭލުމަށް ތުރުކީން އެރަށަށް ބޮން އަޅާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ ހަމަލާތަކުގައި އައިއެސްގެ ގިނަ ހަނގުރާމަވެރިންތަކަކާއި އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ. އެރަށުގެ ބައެއް ހޮސްޕިޓަލް ތަކަށް ވެސް ތުރުކީން ވަނީ ބޮން އަޅާފައެވެ. -- އަލްޖަޒީރާ