އެއްވެސް އުސޫލެއް ނެތި މާލޭ ދެކުނު ފަރާތުގައި ހިންގަމުން އަންނަ ނީލަން ފިހާރަތައް ހަމަޔަކަށް އެޅުވުމަށް ހައުސިން މިނިސްޓްރީ އިން ހާއްސަ މަސައްކަތްތަކެއް ފަށައިގެންފި އެވެ.
ކުރީގެ އެއް ނަމްބަރު ކުނިކޮށީގެ ކައިރީގައި ހުންނަ ނީލަން ފިހާރަތަކާ ގުޅޭ ގޮތުން، ހައުސިން މިނިސްޓްރީގެ އާންމު ހިދުމަތްތަކާ ބެހޭ ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލީ ވިދާޅުވީ، ނީލަން ފިހާރަތަކުން ވިޔަފާރި ކުރަމުން އަންނަ އިރު ގަވާއިދާ ހިލާފަށް މަގުމަތީގައި އެކި ބާވަތްތަކުގެ މުދާ ބަހައްޓަމުން އަންނަ ކަމަށެވެ. އަދި މަގުމަތީގައި އެކި ބާވަތުގެ ތަކެތި ބަހައްޓައިގެން ވިޔަފާރި ކުރުމަކީ އެއްގޮތަކަށް ވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މަގު ބޭނުން ކުރާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ އެގޮތަށް ބަހައްޓާ ތަކެތި މަގުމަތިން ނަގައި މީގެ ކުރިން ނައްތާލަމުން އައި ކަމަށެވެ. އެހެން ނަމަވެސް އެކަން އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ހުއްޓާލުމާ ގުޅިގެން ނީލަން ފިހާތަތައް ހިންގާ ފަރާތްތަކުން މަގުމަތީގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ އާދަ ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިނިސްޓްރީ އިން އަލުން ފަށައިގެން ކުރިއަށް ގެންދާނަން. އަދި އެ ސަރަހައްދު ހަމަޔަކަށް އަޅުވަން އެހެން މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރާނަން،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް ވަރަށް ގިނަ އަދަދަކަށް މިފަދަ ފަރާތްތަކުން ބިދޭސީ އިން ގެންގުޅެ، މަސައްކަތްތައް ކުރުވަމުން ދާ ކަމަށެވެ. އަދި އެފަދަ ކަންކަން ވެސް ހަމަޔަކަށް އެޅުވުމަށް މިނިސްޓްރީ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.