ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޯއައިސީ ހަލާލް އެކްސްޕޯގެ ދައުވަތު ރައީސް ސޯލިހަށް

Nov 10, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންޓަނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައިޔޫޔޫ)ގެ ރައީސް ޕްރޮފެސަރު ޑރ މުހައްމަދު ޚައިރް އަލް-ގަބާނީއާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި، އެ ޔޫނިއަންގެ އިސް އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ، އިންޓަނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު ރާއްޖެ ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްގީއަށް މުހިއްމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އައިޔޫޔޫގެ ރައީސް ޕްރޮފެސަރު އަލް-ގަބާނީ ވަނީ، އެ ޔޫނިއަންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެ ޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާތަކުގެ މައުލޫމާތު ހިމެނޭ ލުއިފޮތަކާއި، އުސްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސް ސޯލިހް އަތްޕުޅަށް އަރުވާފަ އެވެ. އަދި އެ ޔޫނިއަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ވެސް ރައީސް އަށް ވެދުމަށް އެރުވި އެވެ.

މިބައްދަލުވުމުގައި، އިންޓަނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެ ޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މި މަހުގެ 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނުވަވަނަ "އޯއައިސީ ހަލާލް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުވާފަ އެވެ.

އަންނަ އަހަރު އޯއައިސީ ހަލާލް އެކްސްޕޯ ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން ވެސް މިއަދުގެ މިބައްދަލުވުމުގައި އައިޔޫޔޫގެ އިސްވެރިން އިން ވަނީ ފާޅުކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް މުހިއްމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެ ކަމަށް އައިޔޫޔޫ އިން މައުލޫމާތު ދީފައިވެ އެވެ.